ޚަބަރު
ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމުގެ ސަރަހައްދީ ޕްރޮގްރާމެއްގައި އެންޑީއެމްއޭއިން ބައިވެރިވެއްޖެ
ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމުގެ ސަރަހައްދީ ޕްރޮގްރާމެއްގައި އެންޑީއެމްއޭއިން ބައިވެރިވުން. ފޮޓޯ: އެންޑީއެމްއޭ
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީގައި ހިންގާ ސައުތު އޭޝިއާ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (އެސްއޭ-ޑީއާރްއާރް) ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބައިވެރިވެއްޖެއެވެ.
ވަރޗުއަލްކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި އެންޑީއެމްއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން އަދި ސެކްރެޓަރީ ޖެނެރަލް ސޮފީނާޒް ޙަސަންއެވެ. މި ޕްރޮގްރާމަކީ ކޯލިޝަން ފޮރ ޑިޒާސްޓަރ ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރ (ސީޑީއާރްއައި) އަދި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި އިސްނެގުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެ ހިމެނޭހެން ދެކުނު އޭޝިއާގެ ހަތް ޤައުމެއްގައި ކާރިސާތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމެވެ. މިކަން ޙާޞިލުކުރުމަށް ހަމަޖެހިފައިވަނީ ނުރައްކާތަކަށް ބަލައިގެން ޕްލޭންކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ކުރިއާލައި އިންޒާރުދިނުމަށާއި، އަދި ވިލުންވެރި ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށްޓަކައި ސެޓެލައިޓް މެދުވެރިކޮށް ދުނިޔެ ބެލެހެއްޓުމުގެ (އާތު އޮބްޒަވޭޝަން) މަޢުލޫމާތާއި މޫސުމީ ޚިދުމަތްތަކުގެ ބޭނުން ހިފައިގެންނެވެ.
މި ބައްދަލުވުމުގެ ތެރެއިން ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ސީއީ ޙިސާން ވަނީ ރާއްޖޭގެ ގޮނޑުދޮށްތަކުގެ ވިލުންވެރިކަން އިތުރުކުރުމާއި، ފެންބޮޑުވުމުގެ ނުރައްކާތައް މެނޭޖްކުރުމާއި، މުހިންމު ޢުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމުގެ އިތުރުން ކުރިއާލައި ފިޔަވަޅު އެޅުމުގައި ރާއްޖެއިން އިސްކަންދޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެއިތުރުން، ޤައުމީ ފެންވަރުގައި ނުރައްކާތައް ވަޒަންކުރުމާއި ނިންމުންތައް ނިންމުމުގެ ނިޒާމުތަކުގެ ތެރެއަށް 'އާތު އޮބްޒަވޭޝަން' ޑޭޓާ އެއްކޮށްލުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
Chief Executive Hisan Hassan and Secretary General Sofeenaz Hassan participated virtually in the High-Level Launch of the EU-funded South Asia Disaster Risk Reduction (SA-DRR) Programme, jointly implemented by CDRI @cdri_world and the European Space Agency (ESA) @esa The initiative aims to strengthen disaster resilience across seven South Asian countries, including the Maldives, by leveraging satellite based Earth Observation and climate services for risk-informed planning, climate adaptation, early warning and resilient infrastructure development. CE Hisan contributed to the panel discussion, highlighting Maldives priorities in coastal resilience, flood risk management, critical infrastructure protection and anticipatory action, while emphasising the importance of integrating Earth Observation data into national risk assessment and decision making systems. The Maldives is among the earliest Governing Council members of CDRI, while SG Sofeenaz represents the Indian Ocean constituency on the Steering Committee of Infrastructure for Resilient Island States (IRIS). NDMA congratulates CDRI, the European Union and ESA on this important initiative and looks forward to strengthening regional cooperation towards safer communities and disaster-resilient infrastructure.
— NDMA Maldives (@NDMAmv) October 8, 2026
ދިވެހިރާއްޖެއަކީ ސީޑީއާރްއައިގެ ގަވަރނިންގ ކައުންސިލްގެ އެންމެ ފުރަތަމަ މެންބަރުންގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި އެންޑީއެމްއޭގެ އެސްޖީ ޞަފީނާޒަކީ 'އިންފްރާސްޓްރަކްޗަރ ފޮރ ރެޒިލިއަންޓް އައިލެންޑް ސްޓޭޓްސް' (އައިރިސް) ގެ ސްޓިއަރިންގ ކޮމިޓީގައި އިންޑިއާ ކަނޑުގެ ޤައުމުތައް ތަމްސީލުކުރައްވާ މަންދޫބެވެ.
މި މުހިންމު އިސްނެގުމާ ގުޅިގެން ސީޑީއާރްއައި، ޔޫރަޕިއަން ޔޫނިއަން އަދި އީއެސްއޭ އަށް އެންޑީއެމްއޭއިން ވަނީ މަރުޙަބާ ކިޔާފައެވެ. އަދި ރައްކާތެރި މުޖުތަމަޢުތަކެއް ބިނާކުރުމަށާއި ކާރިސާތަކަށް ވިލުންވެރި ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށްޓަކައި ސަރަޙައްދީ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް އުންމީދުކުރާ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.