Ads by Farudhun

ޚަބަރު

ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރިކަން ލިބިފައިވާ ރާއްޖެއެއް: މެޑަމް ސާޖިދާ

ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރިކަން ލިބިފައިވާ ރާއްޖެއެއް: މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 އޮކްޓޯބަރު 2026، 09:53

10 އޮކްޓޯބަރު 2026، 09:53

ދިވެހިރާއްޖޭގައި ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބިފައިވާ މުޖުތަމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަފުސާނީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް ނުހަނު މުހިންމު އަސާސެއް ކަމަށާއި، ވަކިން ޚާއްޞަކޮށް އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން ޤައުމެއްގެ އެންމެ ޢިއްޒަތްތެރި އަދި ޤަދަރުވެރި އެއް ބަޔަކީ އިސްރަށްވެހިންކަން ފާހަގަކުރައްވައި، މިއަދު ޤައުމު މި ދެކޭ ހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ޤުރުބާނީއެއް ވެފައިވަނީ އެ ފަރާތްތަކުން ކަމަށް ވިދާޅުވިއެވެ. އަދި ޤައުމު ބިނާކުރާނެ ޒުވާން ޖީލެއް ތަރުބިއްޔަތުކޮށް ޚިދުމަތަށް ނެރެދިނީ އިސްރަށްވެހިން ކަމަށްވާތީ، އެ ބޭފުޅުންނަކީ ޤައުމުގެ އެންމެ ހަރުދަނާ ތަނބުތައް ކަމުގައި ފާހަގަކުރެއްވިއެވެ.

އިސްރަށްވެހިންނަށް ކަމޭހިތުމަކީ އިސްލާމްދީނުގައި ވެސް ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން، އެ ފަރާތްތަކުގެ ރައްކާތެރިކަމާ ގުޅޭ އެންމެހައި ދާއިރާތަކަށް މުސްލިމުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ޚާއްޞަކޮށް އެ ފަރާތްތަކުގެ ނަފުސާނީ، ޖިސްމާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރިކަމާއި، ހިނިތުންވުން ލިބިފައިވާ ދިވެހި ރާއްޖެއެއް. އަޅުގަނޑުމެން ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ތަހުޒީބު ދިވެހި ރާއްޖެއެއް."

މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްރަށްވެހިންގެ މަރުކަޒުތައް ޤާއިމުކުރެވެމުންދާ ކަމަށާއި، އެ ތަންތަނުގައި ކުރިއަށްގެންދާ ތަފާތު ޙަރަކާތްތަކުގެ ސަބަބުން އިސްރަށްވެހިންނަށް އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ފަހިވެގެންދާ ކަމަށެވެ. އަދި ކުރިމަގުގައި މިފަދަ މަރުކަޒުތަކުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، އިސްރަށްވެހިންގެ އެކަނިވެރިކަން ފިލުވައިދީ، އެ ފަރާތްތަކުގެ ނަފުސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، "އިސްރަށްވެހިންގެ ސައްލާ" ފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން މަޝްވަރާކޮށް މަޢުލޫމާތު މުއްސަނދިކުރުމަށާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅު ނިންމަވާލެއްވީ ދުނިޔޭގެ ނަފުސާނީ ޞިއްޙަތުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި އިސްރަށްވެހިންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވަމުންނެވެ. އަދި ހުރިހާ އިސްރަށްވެހިންނަށް ނަފުސާނީ ހިތްހަމަޖެހުމާއި، ރޫޙާނީ އުފާވެރިކަމާއި، ޖިސްމާނީ ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450