ޚަބަރު
ޤައުމެއް ދިރޭނީ އިސްލާމީ އަޚްލާޤުގެ މައްޗަށް ދަރިން ތަރުބިއްޔަތު ކުރެވިގެން: ވަޒީރު ހީނާ
އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ޓީޗަރުންގެ އަގުވަޒަންކުރުމަށް ބޭއްވި ޚާއްޞަ ހަފްލާގެ ތެރެއިން. ފޮޓޯ: ވުޒާރާ
ޤައުމެއް ދިރޭނީ އެ ޤައުމެއްގެ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި, އިސްލާމީ މާތް އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ތަރުބިއްޔަތެއް ދެވިގެން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ޓީޗަރުންގެ އަގުވަޒަންކުރުމަށް، މާލޭ ސެންޓްރަލް ހޮޓެލްގައި ރޭ ބޭއްވި ޚާއްޞަ ހަފްލާ، ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
"މި ޤައުމަށް ބޭނުންވަނީ ތަޢުލީމާއި ތަރުބިއްޔަތު ލިބިފައިވާ، ތިމާގެ އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް އިޙްތިރާމު ކުރުމާއި އޯގާވެރިވުންފަދަ ރިވެތި އާދަތައް އަށަގަނެވިފައިވާ ޖީލެއް. މިފަދަ ޖީލެއް ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ ލޮބުވެތި މުދައްރިސުން."
ވަޒީރު ހީނާ ވިދާޅުވިއެވެ.
ވަޒީރު ހީނާގެ ވާހަކަފުޅުގައި ވަނީ، ތުއްތު ދަރިންނަކީ ދިވެހިރާއްޖެ ދެކެ ލޯބިވާ، މާތްވެގެންވާ އިސްލާމްދީނަށް ޙުރިމަތްތެރިކޮށްހިތާ، އަދި ޤައުމިއްޔަތު ނަގަހައްޓައި ދަމަހައްޓާނެ ދަރީންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ފާހަގަކޮށް އެކަމަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
ރޭ ކުރިއަށް ދިޔަ އަގުވަޒަންކުރުމުގެ ޚާއްޞަ ހަފްލާގައި، އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރުންގެ ވަނީ ތެރެއިން އެކި ގޮތް ގޮތުން ފާހަގަކޮށްލެވޭ ޓީޗަރުނަށް އިނާމު އަރުވާފައެވެ. އަދި ބެލެނިވެރިންގެ ފަރާތުން ޓީޗަރުންނަށް ޚާއްސަކޮށް ހުށަހެޅުމެއް ވެސް ވަނީ ހުށަހަޅާފައެވެ.