Ads by Farudhun

ޚަބަރު

ރަމަޟާން މަހުގެ ފަހު 15 ގައި ގަމުން ޖިއްދާއަށް ސީދާ ޢުމްރާ ދަތުރުތައް ފަށަނީ

ރަމަޟާން މަހުގެ ފަހު 15 ގައި ގަމުން ޖިއްދާއަށް ސީދާ ޢުމްރާ ދަތުރުތައް ފަށަނީ

އުމްރާވެރިން. ފޮޓޯ: ހައްޖު ކޯޕަރޭޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 އޮކްޓޯބަރު 2026، 11:46

10 އޮކްޓޯބަރު 2026، 11:46

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ޢުމްރާއަށް ޚާއްޞަކޮށްގެން އައްޑޫ ސިޓީ ގަމުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

މިއީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް، ދަތުރުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން އިންތިޒާމުކުރާ ޚާއްޞަ ދަތުރެއް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ރަމަޟާން މަހުގެ ފަހު ފަނަރައަށް ޚާއްޞަކޮށްގެން ބާއްވާ މި ފްލައިޓުގެ ދަތުރު އޮންނާނީ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށެވެ. ރަމަޟާން މަހުގެ ފަހު ފަނަރަ ޢުމްރާ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާއެވެ. މީގެ އިތުރުން މުޅި ރަމަޟާން ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުޞަތު ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. މުޅި ރަމަޟާން ޢުމްރާ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާއެވެ.

ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ރަމަޟާން ޢުމްރާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ކަށަވަރުކުރުމުގެ ފުރުޞަތު ވެސް ހުޅުވާލާފައެވެ. އެގޮތުން ޢުމްރާގެ ޖާގަ ކަށަވަރުކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށްގެންނާއި، ކޯޕަރޭޝަންގެ ވެބްސައިޓް (hajj.mv) މެދުވެރިކޮށެވެ.

ޙައްޖު ކޯޕަރޭޝަނުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ޢުމްރާ ދަތުރު ޕެކޭޖުތަކުގައި ފޯރުކޮށްދޭ ބައެއް ޚިދުމަތައް:

  1. ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ކްލިނިކްގެ ޚިދުމަތް
  2. ފާމަސީގެ ޚިދުމަތް
  3. ހިލޭ ވެކްސިން ޖަހައިދިނުން
  4. މަދީނާއަށް ދަތުރުކުރުމަށް ހައިސްޕީޑް ރޭލުގެ ޚިދުމަތް
  5. މަދީނާގައި 3 ރޭ ހޭދަކުރުން
  6. މީރު ދިވެހި ކެއުން
  7. ލޯންޑްރީ އަދި އިސްތިރިކުރުމުގެ ޚިދުމަތް
  8. ދީނީ ޢިލްމުވެރިންގެ ދަރުސްތަކާއި އަޅުކަމުގެ އިރުޝާދުދިނުން
  9. ޢުމްރާ ކިޓް
  10. ބަގީގެ ޚިދުމަތް
  11. ލޮކޭޝަން ޓްރެކިންގ ޑިވައިސް

 

ޙައްޖު ކޯޕަރޭޝަންގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި، ޖުލައި މަހާއި، ޑިސެމްބަރު މަހުގެ އިތުރުން ބަރަކާތްތެރި ރަމަޟާން މަހު އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ ޢުމްރާ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިޔުމެވެ.  ދަތުރުތައް މިގޮތަށް އިންތިޒާމުކުރުމަށް ފަހިވެފައިވަނީ، ޤައުމީ އެއަރލައިންއިން ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމާގުޅިގެން ކަމަށާއި، މިއީ މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އިތުރަށް ފުޅާކުރުމަށް ޙައްޖު ކޯޕަރޭޝަނަށް ލިބިގެންދިޔަ ބޮޑު ބާރެއް ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އަދި މިއީ ދެކުނުގެ ރައްޔިތުން މާލެ ދަތުރުކުރަން ނުޖެހި، ފަސޭހަކަމާއެކު ޢުމްރާގެ އަޅުކަމަށް، ދަތުރުކުރެވޭނެ މަގު ދެމެހެއްޓެނިވި ގޮތެއްގައި ފަހިކޮށްދިނުމަށް އެ ކުންފުނިން ނިންމި މުހިންމު ނިންމުމެއް ކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450