ޚަބަރު
އަހަރުގެ ފުރަތަމަ 9 މަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 1.93 ބިލިޔަން ރުފިޔާ
ބޭންކް އޮފް މޯލްޑިވްސް. ފޮޓޯ: ބީއެމްއެލް
މި އަހަރުގެ ފުރަތަމަ 9 މަސް ދުވަހު، ޓެކްސަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ދިވެހި ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ ތާރީޚުގައި ވެސް މިފަދަ މުއްދަތެއްގައި ލިބުނު އެންމެ ބޮޑު ފައިދާކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން ނެރުނު މި އަހަރުގެ 3 ވަނަ ކުއަރޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ރެކޯޑުކުރެވުނު 1.53 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ.
2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެކްސް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ބީއެމްއެލްއަށް ވަނީ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 475.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު 36 އިންސައްތައިގެ ކުރިއެރުމެކެވެ.
30 ސެޕްޓެންބަރު 2026ގެ ނިޔަލަށް، އެ ބޭންކުގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ ހުރީ 38 އިންސައްތައިގައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑު ކަމަށްވާ 12 އިންސައްތައަށްވުރެ ތިންގުނަ އިތުރު އަދަދެއްކަން ބީއެމްއެލްއިން ފާހަގަކުރައްވައެވެ.
އަދި ކަސްޓަމަރުން ބޭންކަށް ޖަމާކުރި ފައިސާގެ އަދަދު 42.36 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 31 ޑިސެންބަރު 2025 ގައި ހުރި 37.19 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި، މިކަމުން ހާމަވަނީ ކަސްޓަމަރުންގެ މެދުގައި ބޭންކާއި މެދު އޮތް އިތުބާރު ބޮޑުވަމުންދާކަން ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
މީގެ އިތުރުން، ލޯނު ދޫކުރުމުގައި އައު ރެކޯޑެއް ގާއިމުކުރެވިފައިވާކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، މުޅިން އަލަށް ދޫކުރި ލޯނުގެ ޖުމްލަ އަދަދު 12.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރު މުޅި އަހަރު ދުވަހުގެ ތެރޭގައި ދޫކުރި ޖުމްލަ ލޯނަށްވުރެ އިތުރު އަދަދެކެވެ.
ހަމައެހެންމެ، 2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް 2.86 ބިލިއަން އެމެރިކާ ޑޮލަރުގެ ޕޭމަންޓް ހަދާފައިވާ ކަމަށާއި، މިއީ 373,600 އަށްވުރެ ގިނަ ބޭރު ފައިސާގެ މުއާމަލާތްތައް މެދުވެރިކޮށް ހަދާފައިވާ ޕޭމަންޓްތަކެއް ކަމަށް ބޭންކުން ވިދާޅުވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން ބީއެމްއެލްއިން ވަނީ، ކަސްޓަމަރުންނަށް 722.1 މިލިއަން ޔޫއެސް ޑޮލަރު ފޯރުކޮށްދީފިއެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ދިވެހި ރުފިޔާއަށް މާރުކޮށް ކަސްޓަމަރުންނަށް ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ، މުޅި 2025 ވަނަ އަހަރު ދޫކުރި 733.8 މިލިއަން ޑޮލަރާ ގާތްގަނޑަކަށް އެއްވަރުވެފައި ކަމަށާއި، މަހަކަށް ޖެހޭ އެވަރެޖް އަދަދު ކަމަށްވާ 80.2 މިލިއަން ޑޮލަރަކީ، 2025 ވަނަ އަހަރުގެ އެވަރެޖަށް ވުރެ %31 މަތީ އަދަދެއް ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.