ޚަބަރު
ނަފުސާނީ ބަލި ތަހައްމަލުކުރާ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރަންޖެހޭ: ވަޒީރު ޤީލާ
ވަޒީރު ޤީލާ އަލީ. ފޮޓޯ: ސިއްޙަތާޢި އާއިލާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާ
ނަފުސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ލޮތްބާއި އޯގާތެރިކަމާއި ރައްކާތެރި މާހައުލެއް ގާއިމްކުރަން ޖެހޭކަމަށް ސިއްޙަތާޢި އާއިލާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މި އަހަރުގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ކޮމިއުނިޓީ ކަލަރރަން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަހަރުގެ ނަފްސާނީ ސިއްޙަތުގެ ދުވަހުގެ ޝިއާރު ކަމުގައިވާ "ތަޖުރިބާގެ އަޑުކަނުލާ އެހުން: ހަޤީޤީ އަޑު، ހަޤީޤީ ބަދަލު"އަށް އަލިއަޅުވާލައްވާ ވަޒީރު ޤީލާ އަލީ ވިދާޅުވީ، އެކަމުން ވެސް ހަނދާންކޮށްދެނީ ނަފުސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަށް ވެގެން ނުވާނެކަން ކަމަށެވެ.
ކޮންމެ ފަރުދެއް ވެސް ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ހިއްސާ ކުރަން ހުރި ތަޖުރިބާތައް ހިއްސާކުރުން މުހިއްމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އެކަނިވެރިކަމާއި ހިތްދަތިކަމުގައި އެފަދަ ގޮންޖެހުންތައް ތަޙައްމަލު ކުރުމުންދާ ފަރާތްތަކުގެ އަޑު އެހުމުން ނޫނީ އެމީހުންނަށް ބޭނުންވާ ޙަޤީޤީ އެހީތެރިކަން ފޯރުކޮށް ނުދެވޭނެކަމަށެވެ.
"އަޅުގަނޑުމެން އެ އަޑުތައް އަހައި، އެހާލަތްތަކަށް އިޖާބަދޭންވީ ވަގުތަކީ މިއީ. ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އަށަގެންފައިވާ ނުރަނގަޅު ތަޞައްވަރުތަކާއި ލޭބަލްތައް މުޅިން ފޮހެލަންޖެހޭ"
ސިއްޙީ ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެކަކު އަނެއްކަކަށް ލޮތްބާއި އޯގާތެރިކަމާއި އަޅާލުން އިސްކުރާ ރައްކާތެރި މާހައުލެއް ބިނާކުރުމަކީ މިއަދު އެންމެންގެ ކޮނޑުގައި އެޅިފައިވާ މުހިންމު ފަރުދީ އަދި ޤައުމީ ޒިންމާއެއްކަމަށެވެ. މީގެ އިތުރުން މިއަދު ބޭއްވި ކަލަރ ރަންއަކީ ހަމައެކަނި ދުވުމެއްގެ ގޮތުގައި ނުބެލުމަށާއި މިއީ އެންމެން އެއްވެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމާއެކު އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ވެސް ލިބުނު ރަނގަޅު ފުރުޞަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ، ވަކި ބައެއްގެ ކަމެއް ނޫންކަމާއި އެއީ އެންމެންގެ މަސްޢޫލިއްޔަތެއްކަން މި ހަރާކާތުން ހަނދާންކޮށްދޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ސިއްޙަތު ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށް ހަރަކާތްތައް ކުރިއަށްގެންދަނީ ކ. ކާށިދޫގައެވެ.
ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ކަންކަމަކީ ބޮޑު ކަންބޮޑުވުމެއް އޮތް ކަމަކަށްވާއިރު، ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމު ތަރައްޤީކުރުމަށް ސަރުކާރުން މުހިންމު އަހަންމިއްޔަތުކަމެއް ދެއްވައެވެ. އެގޮތުން ޤާއިމުކުރި ހެލްޕްލައިންއަކީ މިދާއިރާގެ ކަންބޮޑުވުންތައް އަހައި، ޙައްލު ހޯދުމަށް މަސައްކަތްކުރުމަށް ރައްޔިތުންނާއި ސަރުކާރާ ދެމެދު އެޅުނު ފާލަމެކެވެ.
ނަފްސާނީ މައްސަލަތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހެލްޕްލައިން "1677" ތަޢާރަފުކުރީ 2024ވަނަ އަހަރުގައެވެ. އަދި ހެލްޕްލައިނަށް، މިހާތަނަށް 23،000އަށްވުރެ ގިނަ މީހުން ގުޅާ އެހީތެރިކަން ހޯދާފައިވެއެވެ.
ނަފުސާނީ ބަލީގެ ފަރުވާ ފުޅާކުރުމަށް އެކަމަށް އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، މި ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަށް ވެސް ޚާއްސަ ސިޔާސަތުތައް އެކުލަވާލާ ދަނީ މަސައްކަތް ކުރަމުން ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.