ޚަބަރު
ހުޅުމާލޭ ސިންތެޓިކް ޓްރެކް ޕީޔޫ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި
ހުޅުމާލޭ ސިންތެޓިކް ޓްރެކް ޕީޔޫ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް. ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ
ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް ހުޅުމާލޭ ސިންތެޓިކް ޓްރެކް ޕީޔޫ (ޕޮލިއުރެތޭން) ޓްރެކަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ހުޅުމާލޭގައި އޮންނަ ސިންތެޓިކް ޓްރެކް ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާގެ މިންގަނޑަށް ފެތޭ ގޮތަށް ޕީޔޫ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް އޮކުޓޫބަރު މަހު ފަށާނެ ކަމަށް ޒުވާނުންބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއު އިއުލާންކުރެއްވީ ނިމުނު ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ އަހާ ފޯރަމުގައެވެ.
ވަޒީރުންނާއި ސުވާލުކުރުމަށް ކުރިއަށްގެންދާ "އަހާ" ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު އޭރު ވިދާޅުވީ، ހުޅުމާލޭގައި މިހާރު އޮތް ސިންތެޓިކް ޓްރެކަކީ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކަށް ހެދިފައިވާ ޓްރެކެއް ނޫން ކަމަށެވެ.
އެކަމުގެ ސަބަބުން އެތުލީޓުން ރެކޯޑެއް ހެދިކަމުގައިވިޔަސް އެކަން ގަބޫލުނުކުރާ ކަމަށާއި، ވޯލްޑް އެތުލެޓިކްސްގެ އުސޫލު އޮންނަ ގޮތުން ރެކޯޑް ގުނަނީ ހަމައެކަނި ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަނުން ގަބޫލުކުރާ ފެންވަރުގެ ޓްރެކްގައި ހަދާ ރެކޯޑްތައް އެކަނިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި މި މަސައްކަތް މިމަހު ފެށުމަށްފަހު އުއްމީދަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ޓްރެކްގެ މަސައްކަތް މުޅިން ނިންމާލުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ހުޅުމާލޭ ސިންތެޓިކް ޓްރެކް ބަދަލުކުރުމަށް ބޭނުންވާ ތަކެތި މިހާރު އޯޑަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ތަނުގެ ހުރިހާ ތަފުސީލީ ކުރެހުންތަކެއްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.