ޚަބަރު
އަންހެން ކުދިންގެ ޙައްޤުތައް ކަށަވަރު ކުރުމަށް ގުޅިގެން މަސައްކަތްކުރަން ޖެހޭ: ވަޒީރު ޤީލާ
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ--
އަންހެން ކުދިންގެ ޙައްޤުތައް ކަށަވަރުވެފައިވާ އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެން ކުދީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. މި މެސެޖުގައި ދިވެހި އަންހެން ދަރިންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވަޒީރު ވަނީ އަރިސްކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ، ދިރިއުޅުމުގެ އެކި މައިދާންތަކުގައި އަންހެން ކުދިންނަށް ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް ތަޢުލީމީ ރޮނގުންނާއި، ޒަމާނީ ޓެކްނޮލޮޖީއާއި، ކުޅިވަރާއި ވިޔަފާރީގެ ދާއިރާއިން ދިވެހި އަންހެން ކުދިން ހޯދަމުންދާ ކާމިޔާބީތަކަކީ ފަޚުރުވެރިވުން ޙައްޤު ކާމިޔާބީތަކެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކުދިންގެ ކިބައިގައިވާ ވަރުގަދަ ޢަޒުމާއި ހިތްވަރާއި ސާބިތުކަމުން މުޅި ޤައުމަށް ވެސް ހިތްވަރު ލިބިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
Message from H.E Minister @geelaali on the occasion of International Day of the Girl Child. https://t.co/upJL0vR8CD
— Social and Family Development (@SFdevelopmentMV) October 11, 2026
ރާއްޖޭގެ ކޮންމެ އަންހެން ކުއްޖަކީވެސް ރައްކާތެރި، އަޅާލުމާއި ލޯބި ލިބިގެން ބާރުވެރި މާހައުލެއްގައި ބޮޑުވާ ކުއްޖަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ވަޒީރުގެ މެސެޖުގައި ވަނީ ދެއްވާފައެވެ. އެގޮތުން "ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި އެފަދަ ކަންކަމަށް އިޖާބަދިނުމުގެ ޤައުމީ އެކްޝަން ޕްލޭން" ފުރިހަމައަށް ތަންފީޒުކުރުމުގައި ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޤީލާ މެސެޖު ނިންމަވާލައްވަމުން ވަނީ، އަންހެން ކުދިންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދީ، އެކުދިންގެ ޤާބިލުކަމާއި ހުނަރުވެރިކަން އެންމެ މަތީ ދަރަޖައަށް ފާޅުކުރެވޭނޭ ފަދަ އޯގާތެރި، އިންސާފުވެރި މާހައުލެއް ޤާއިމުކުރުމަށްޓަކައި ހުރިހާ ރައްޔިތުންވެސް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު 11 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހަކީ، އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ މުހިންމު ދުވަހެކެވެ. މި ދުވަހުގެ މައިގަނޑު މަގުސަދަކީ އަންހެން ކުދިންނަށް ފުރިހަމަ ތައުލީމާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ތަފާތުކުރުންތަކާއި އަނިޔާއިން އެ ކުދިން ސަލާމަތްކޮށް، މުޖުތަމައުގައި އެ ކުދިން ބާރުވެރިކުރުވުމެވެ.