ވިޔަފާރި / ޚަބަރު

އާންދާޒާކުރި މިންވަރަށް ވުރެ ބޮޑު އާމްދަނީއެއް ސެޕްޓެންބަރު މަހު މީރާއަށް ލިބިއްޖެ

އާންދާޒާކުރި މިންވަރަށް ވުރެ ބޮޑު އާމްދަނީއެއް ސެޕްޓެންބަރު މަހު މީރާއަށް ލިބިއްޖެ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)---

farudhun logo

ފަރުދުން

11 އޮކްޓޯބަރު 2026، 07:14

11 އޮކްޓޯބަރު 2026، 07:14

މިދިޔަ ސެޕްޓެންބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިފައިވަނީ އާންދާޒާކުރި މިންވަރަށް ވުރެ ބޮޑު އާމްދަނީއެއް ކަމަށް މީރާއިން ހާމަކޮށްފިއެވެ. އެގޮތުން މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ ވަނީ އާންދާޒާކުރި މިންވަރަށް ވުރެ %12.7 އިތުރުވެފައެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ސެޕްޓެންބަރު މަހު މީރާއަށް 2.6 ބިލިޔަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވެއެވެ. މި އަދަދު ހާސިލުވުމުގައި މައިގަނޑު ސަބަބުތަކަކީ ޖީއެސްޓީއާއި، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. ޚާއްޞަކޮށް ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) އިތުރުވެފައިވަނީ، މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު %18 އިތުރުވުމާ ގުޅިގެންނެވެ. 

ހަމައެއާއެކު، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު ޢަދަދު ވެސް ވަނީ އަންދާޒާކުރި މިންވަރަށްވުރެ މައްޗަށް ގޮސްފައެވެ. މީރާއިން ފާހަގަކުރާ ގޮތުގައި، މިދިޔަ ސެޕްޓެންބަރު މަހު ލިބުނު އާމްދަނީގެ %15.8 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %17.4 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.

ވޭތުވެދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅައިބަލާއިރު، މިދިޔަ ސެޕްޓެންބަރު މަހު ލިބުނު އާމްދަނީ %10.7 ދަށްވެފައިވެއެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބުތަކަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއާއި އާންމު ދާއިރާގެ ޖީއެސްޓީ ދަށްވުމެވެ. ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަލައިގަނެފައިވާ ޖުމްލަ އާމްދަނީއާ އަޅައިބަލާއިރު، މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ލިބުނު ޖުމްލަ އާމްދަނީއަކީ %8.9 ގެ ކުރިއެރުމެއްކަމަށް މީރާއިން ހާމަކުރެއެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މިދިޔަ ސެޕްޓެންބަރު މަހު ޖުމްލަ 623 މިލިޔަން ރުފިޔާ ވަނީ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 395 މިލިޔަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 87 މިލިޔަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 123 މިލިޔަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ވެސް 8 މިލިޔަން ރުފިޔާ ވަނީ ހޯދައިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450