Ads by Farudhun

ޚަބަރު

ހިރިގަލުގެ 5 މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ހުށައަޅައިފި

ހިރިގަލުގެ 5 މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ހުށައަޅައިފި

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 އޮކްޓޯބަރު 2026، 08:36

12 އޮކްޓޯބަރު 2026، 08:36

ރާއްޖޭގެ ހިރިގަލުގެ 5 މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ޔުނެސްކޯއަށް ހުށައަޅައިފައިވާކަމަށާއި މިއީ 13  އަހަރު ދުވަހުގެ މަސައްކަތެއްކަން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހާމަކުރައްވައިފިއެވެ.

ވަޒީރުންނާއި ސުވާލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އަހާ ފޯރަމްގައި އާއްމު ރައްޔިތެއް ކުރި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ހީނާ ވަނީ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ހިމެނުމަށް ކުރެވޭ މަސައްކަތުގައި ރާއްޖެ އޮތީ 13 އަހަރު ދުވަހު ސީރިއަލް ނޮމިނޭޝަނެއްގެ ގޮތުގައި ކަމަށާއި،  މިމަސައްކަތުގެ ނޮމިނޭޝަން ފައިލް، މިއަހަރުގެ ޖަނަވަރީ މަހު ޔުނެސްކޯއިން ވަނީ ބަލައިގަނެފައި ކަމަށް ވިދާޅުވެފައެވެ.

"އުންމީދަކީ އިރރާދަކުރެއްވިއްޔާ 2027 ވަނަ އަހަރުގެ ފަހުކޮޅު މި ތަންތަން ލިސްޓުގައި ހިމެނިގެންދާނެ ކަމަށް"

ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި އިންޓަރނޭޝަނަލް ކައުންސިލް އޮން މޮނިއުމަންޓްސް އެންޑް ސައިޓްސް(އައިކޮމޮސް) އިން އިވެލިއޭޝަން މަސައްކަތް ނިންމާފައިވާކަމަށާ، މިއާއެކު ގެންނަންޖެހޭ ބަދަލުތައް ގެނެސް، މި މަހުގެ ނިޔަލަށް ހުށަހެޅިގެންދާނެކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ އުންމީދަކީ އަންނަ އަހަރުގެ ފަހުކޮޅު މި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިގެންދިއުމެވެ.

މި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ތަރިކަ ބަލައިގަނެވި، މިސްކިތްތައް ބަލަން އަންނަ ފަތުރުވެރިން އިތުރުވެ، ރަށްތަކަށާއި މުޅި ޤައުމަށް އިޤްތިޞާދީ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއީ ރާއްޖޭގައި ސަގާފީ ފަތުރުވެރިކަން ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަމާ ގުޅޭ ޚާއްސަ މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީއާ ވިޒިޓް މޯލްޑިވިސް ގުޅިގެން ކުރެވޭނެކަމަށެވެ.

ހިރިގަލު މިސްކިތްތަކަކީ އިންޑިއާ ކަނޑުގެ ދަތުރުފަތުރުތަކާއި ވިޔަފާރީގެ ތެރެއިން ޤައުމުތަކާއެކު އުފެދުނު ބަދަލުތައް ރަމްޒުކޮށްދޭ މުހިއްމު ބިނާތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ކާބަފައިންގެ "ވަރނިކިއުލަރ އާކިޓެކްޗަރ" ނުވަތަ ދިވެހިވަންތައް، އަމިއްލަ ފަންނުވެރިކަން ދައްކުވައިދޭ ބިނާތަކެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މިސްކިތްތަކަކީ އިންސާނީ ތާރީޚުގެ ތަފާތު ދެ މަރުހަލާއެއް ސިފަކޮށްދޭ ތަންތަންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއީ އިސްލާމީ ކަނޑުދަތުރުފަތުރާއި ވިޔަފާރީގެ ރަންޒަމާނުގެ އިތުރުން، އޭގެ ފަހުން އިންޑިއާ ކަނޑަށް އަތްގަދަކުރަން ފެށި ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ދިވެހިން ކުރި ޖިހާދާއި، އިސްލާމްދީން ކުރިއަރައި ހަރުދަނާވެފައިވާ ގޮތް ދައްކައިދޭ ދިވެހިންގެ އަމިއްލަ ސަގާފީ ބިނާތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450