ޚަބަރު
ދިވެހި ބަސް ދިރުވައި އާލާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ: ވަޒީރު ހީނާ
ވަޒީރު ހީނާ ވަލީދު--
ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ސަރުކާރުގެ ވަޒީރުންނާއި ސުވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމުގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
މި ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހި ބަހުން ރީތިކޮށް ވާހަކަދައްކަން ނޭނގޭ މައްސަލައާއި ބަސް ނެތިގެންދިއުމުގެ ބިރު އޮތުމަކީ ގައުމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"ދިވެހިބަސް ދިރުވައި އާލާކުރުމާއި، ދިވެހި ބަހަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަގުނަ."
ވަޒީރު ވިދާޅުވިއެވެ.
އަދި މި މަސައްކަތުގެ އެންމެ ބޮޑު ޒިންމާއެއް މަތިކޮށްފައިވާ އިދާރާއަކީ ދިވެހި ބަހުގެ އެކަޑަމީކަން ފާހަގަކުރައްވައި، އެ އެކަޑަމީން މިހާރު ވެސް ގިނަ މުބާރާތްތަކެއް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ވާހަކަދެއްކުމާއި، ޅެން ހެދުމާއި، ކުރުވާހަކަ ލިޔުމާއި، މަޒުމޫނު ލިޔުމުގެ އިތުރުން މުޅިން އަލަށް ތައާރަފުކުރި އަތުލިޔުމުގެ މުބާރާތް ހިމެނެއެވެ.
ގައުމީ ފެންވަރުގައި އަތުލިޔުމުގެ މުބާރާތެއް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރައްވަމުން، 200 އެއްހާ ބައިވެރިންނާއެކު މި އަހަރު އެ މުބާރާތް ކާމިޔާބުކަމާއެކު ބާއްވާ ނިންމާލެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފަދަ މުބާރާތްތަކުގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި ޒުވާނުން އުފެއްދުމާއި، ދިވެހި ބަހުން ފަރިތަކޮށް ވާހަކަދައްކަން ދަސްކޮށްދިނުމާއި، ބަހުގެ ގަވާއިދުތަކާއި ބަސްކޮށާރު މުއްސަނދިކުރުމުގެ ހުނަރުތައް ކުޑަކުދިންނާއި ޒުވާނުންނަށް އުނގަންނައިދިނުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖްތަކާއި ކައުންސިލްތަކުން ހިންގާ ބަހާއި އަދަބިއްޔާތުގެ ހަރަކާތްތަކަށް ވުޒާރާއިން އެއްބާރުލުން ދެމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިސްނަގައިގެން، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ ސްކޫލްތަކާއި މުއައްސަސާތަކަށް ޚާއްސަކޮށްގެން ބާއްވާ ބަހުސްކުރުމާއި ވާހަކަދެއްކުމުގެ މުބާރާތަކީވެސް ވުޒާރާގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްދާ މުބާރާތެއް ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ރާއްޖެއިން ބޭރުގައި ހުންނަ އެމްބަސީތަކާއި ދިވެހިން ދިރިއުޅޭ ގައުމުތަކުގައި ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަށް
ވެސް އެހީތެރިކަން ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހި ބަހުގެ ގަވާއިދު ފޮތެއް އެކުލަވައިލުމަށް 10 ވަރަކަށް އަހަރު ކުރެވުނު މަސައްކަތް ނިންމައި، މި އަހަރުގެ ނޮވެމްބަރު މަހު އެ ފޮތް ނެރުމަށް ތައްޔާރުވަމުންދާކަން ވެސް ވަޒީރު ހާމަކުރެއްވިއެވެ. މި ފޮތުގައި ބަހުގެ ލަފުޒުތައް އެތުރޭ ގޮތްތަކުގެ އިތުރުން ބަހަވީ އިލްމު ޒަމާނާ ފެއްތުމަށް ވެސް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހި ބަހުގެ އެކަޑަމީން ފުރިހަމަ ރަދީފު އެޕްލިކޭޝަނެއް ތައާރަފުކޮށްފައިވާ ކަމަށާއި، މި އެޕުން އަކުރުގެ ރަދީފުތައް ވަކިން ބަލައިލެވުމާއެކު އާ ބަސްތައް ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރަދީފު ޗާޕުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
އީޖާދީ ގޮތްގޮތަށް ބަސް ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ރާވާފައިވާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހެކަތޯންއަކާއި، ލިޔުންތައް ފެންނާނެހެން ޑޭޓާބޭސް ގާއިމުކޮށް ދަފްތަރުކުރުމާއި، ދިވެހި ބަހާ ގުޅޭ ގޭމްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އަދި ބަހަށް ހުރި ގޮންޖެހުންތައް ހައްލުކޮށް، އީޖާދީ ގޮތްގޮތަށް ބަސް ކުރިއެރުވުމަށް މަހާސިންތާތައް ބޭއްވުމަށްވެސް ނިންމާފައިވާ ކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ.
އަދި މީގެ އިތުރުން، އެގްޒިބިޝަންތަކާއި މައުރަޒުތަކުގެ ތެރެއިން ވެސް ދިވެހި ބަހާއި ތާރީޚާއި ބަސް އުފެދިގެން އައި ގޮތާއި ކެލިގްރަފީއަށް ޚާއްސަ ސަމާލުކަމެއް ދީގެން ހަރަކާތްތައް ކުރިއަށް ގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނެއް ވުޖޫދުގައިވާ ކަމުގައި ވީ ނަމަވެސް، އެ ޤާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ދިރާސާ ކުރެވެމުންދާ ކަމަށާއި، ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބޭނުންތެރިކަން ފާހަގަ ކުރެވޭނަމަ، އެ މަސައްކަތްތަކާއި އެއާ ގުޅޭ ކަންކަން ދެނެގަތުމުގެ މަރުހަލާގައި މިހާރު ތިބިކަމަށް ވެސް ވަޒީރު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.