ޚަބަރު
ވ. ފެލިދޫ ޕޮލިސް ސްޓޭޝަންގެ ސްލެބް ކޮންކްރީޓް މަސައްކަތަށް ތައްޔާރުވަނީ
ވ.ފެލިދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް. ފޮޓޯ: އެމްޓީސީސީ
ވ. ފެލިދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން، މައި އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ޝަޓަރިންގ އަދި ރީއިންފޯސްމަންޓް މަސައްކަތްތަކާއެކު ސްލެބް ކޮންކްރީޓް އެޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތްތައް ބާރުމިނެއްގައި ކުރިއަށްދާއިރު، ސައިޓުގައި މިހާރު ކުރިއަށްދަނީ މައި އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް އެޅުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ދަގަނޑު ބަނުމާއި ފޯމްވޯކްގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ކުރީގެ މަރުޙަލާތަކަށް ބަލާއިރު، ސްޓޭޝަންގެ ކަސްޓަޑީ ސެލް ބްލޮކްގެ ކޮލަމް މަސައްކަތްތަކާއި ބީމް ޝަޓަރިންގ އަދި ރީއިންފޯސްމަންޓް މަސައްކަތްތައް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ސެލް ބްލޮކްގެ ސްޓްރަކްޗަރަލް މަރުޙަލާއަށްފަހު، މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދަނީ އިދާރީ ޚިދުމަތްތައް ދިނުމަށް ޚާއްޞަ މައި ބްލޮކްގެ މަސައްކަތްތަކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް، ޒަމާނީ ފެންވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މަޝްރޫޢު ނިމުމުން ފެލިދޫގައި ޤާއިމުވެގެންދާނީ ފުލުހުންގެ އޮޕަރޭޝަންތަކަށާއި އިދާރީ ކަންކަމަށް ފުރިހަމައަށް އެކަށޭނަ، ޒަމާނީ ފެންވަރުގެ ސްޓޭޝަނެކެވެ.