ޚަބަރު
އިސްރަށްވެހިންނަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް ކުރުމަށް ސަރުކާރުންދަނީ ވިސްނަމުން: ޤީލާ
ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ އަހާ ފޯރަމްގައި / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖޭގެ އާބާދީގެ އިސްރަށްވެހިންގެ ނިސްބަތް މަތިވުމާ ގުޅިގެން، ގިނަ ކަންތައްތަކެއް އިސްރަށްވެހިންނަށް އަމާޒުކޮށްގެން ކުރުމަށް ސަރުކާރުން ވިސްނަމުންގެންދަވާކަމަށް ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ މިހާރުގެ އާބާދީގެ ތެރެއިން އިސްރަށްވެހިންގެ ނިސްބަތް ވަރަށް މަތި ކަމަށެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ ރާއްޖޭގެ އާބާދީއަކީ އޭޖްޑް ސޮސައިޓީއަކަށް ވެގެންދާނެ ކަމަށާއި އަހަރުތަކެއް ނުވަނިސް ސުޕަރ އޭޖް ސޮސައިޓީއަކަށް ވެސް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
" ގިނަ ކަންތައްތަކެއް އިސްރަށްވެހިންނަށް އަމާޒުކޮށް ކުރުމަށް ސަރުކާރުން ހަމަ ވިސްނަވަމުން ގެންދަވަނީ. އެގޮތުން، މިހާރުވެސް ހަމަ އިސްރަށްވެހިންގެ ނާދީތައް އެއް މަރުކަޒެއްގެ ގޮތުގައި ޚިދުމަތަށް މިހާރުވަނީ އިތުރުކުރެވިފައި."
ވަޒީރު ޤީލާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިސްރަށްވެހިންގެ ނާދީތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ތައާރަފުކުރެވިގެންދާނެ ކަމަށެވެ. އިސްރަށްވެހިންގެ މަރުކަޒުތައް ހުރުމުން އިސްރަށްވެހިންނަށް އެތަންތަނަށް ޒިޔާރަތްކޮށް ކުރިއަށް ގެންދާ ޕްރޮގްރާމުތައް އަދި ހަމައެހެންމެ، އިޖުތިމާއީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ހިޔާލު ބަދަލުކޮށްލާ ވާހަކަދައްކާލާނެ އުފާވެރި މާހައުލެއް ފޯރުކޮށްދެވިގެނަދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން، މިކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ނަމަވެސް، މާލޭގައި އިސްރަށްވެހިންގެ ނާދީއެއް ހުރި ސަރަހައްދަކީ ވަރަށް ކާރުބާރު ބޮޑު އަދި ހަމައެހެންމެ ދަތުރުފަތުރު ކުރުމަށް އުދަނގޫ ތަނެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މިކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލާއި ވާހަކަދެއްކުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި މައްސަލައަކީ އިސްރަށްވެހިންގެ ފަރާތުން ވަރަށް ގިނައިން އަންނަ ޝަކުވާއެއް ކަމަށެވެ. އެގޮތުން، އެތާގައި ހުންނަ ބަސް ސްޓޮޕް ވީހާވެސް ކައިރިއަށް ގެނައުމަށް އިސްރަށްވެހިން އެދިލައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.