ޚަބަރު
މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 24 އިންސައްތަ އިތުރުވެއްޖެ
ޒަކާތް ބަލައިގަތުން. ފޮޓޯ: ޒަކާތު ހައުސް.
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 24 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން މި އަހަރުގެ ސެޕްޓެންބަރު މަހު ނެރެފައިވާ މާލީ ރިޕޯޓަށް ބަލާއިރު، މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 104 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 87.8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
އަހަރުގެ ފުރަތަމަ ނުވަ މަހުގެ ޖުމްލަ އާމްދަނީ އިތުރުވި ނަމަވެސް، ހަމައެކަނި ސެޕްޓެންބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 5.6 މިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ލިބުނު 5.2 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ކުޑަ ބަދަލެކެވެ.
މިދިޔަ އޯގަސްޓު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 19,266.10 ރުފިޔާއެވެ. ދިވެހިރާއްޖޭގައި މުދަލު ޒަކާތް ނެރުމަށް ބަލަނީ ރިހީގެ އަގަށެވެ. އެހެންކަމުން ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ ނިސާބަށް ވެސް ބަދަލު އާދެއެވެ. ބާޒާރުގައި ރަނާއި ރިހި ލިބެން ހުންނަ އަގުތައް ކަނޑައަޅައި ހާމަކުރަނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.
އިސްލާމްދީނުގެ ރުކުނެއްގެ ގޮތުގައިވާ މުދަލު ޒަކާތަކީ، އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ނުވަތަ މުދާ ހުރެ، އެ މުދަލެއް ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ފުރުމުން ޝަރުއީ ހަމަތަކުގެ މަތިން އޭގެ ސާޅީސްބައިކުޅަ އެއްބައި (2.5 އިންސައްތަ) ދައްކަންޖެހޭ ވާޖިބެކެވެ.