Ads by Farudhun

ޚަބަރު

ފުލުހުންގެ ހާއްސަ އޮޕަރޭޝަން ވަޒީރު އިޙްސާން ބައްލަވާލައްވައިފި

ފުލުހުންގެ ހާއްސަ އޮޕަރޭޝަން ވަޒީރު އިޙްސާން ބައްލަވާލައްވައިފި

ފުލުހުންގެ އޮޕަރޭޝަން ވަޒީރު ބައްލަވައިލެއްވުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޮކްޓޯބަރު 2026، 11:27

12 އޮކްޓޯބަރު 2026، 11:27

ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންގެ މަސައްކަތްތައް ބައްލަވާލައްވައި، އޮފިސަރުންނަށް ހިތްވަރު ދެއްވުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ރޭ ޒިޔާރަތްކުރައްވައިފިއެވެ.

އޮކްޓޫބަރު 11 ވަނަ ދުވަހުގެ ރޭ ވަޒީރު ކުރެއްވި މި ޒިޔާރަތުގައި، އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންދާ ފުލުހުންގެ މަސައްކަތްތައް ގާތުން ބައްލަވާލައްވައި، ފްރަންޓްލައިންގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފުލުހުންނަށް ހިތްވަރު ދެއްވިއެވެ. މި ޒިޔާރަތަކީ ނުރައްކާތެރި އެކްސިޑެންޓްތައް ހުއްޓުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ދެއްވާ ހާއްސަ އަހައްމިއްޔަތު ރަމްޒުކޮށްދިން ޒިޔާރަތެކެވެ.

ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި މައިގަނޑު ގޮތެއްގައި ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ ބިރުވެރިކަން އުފެދޭގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، އުޅަނދަށް ބަދަލުގެނެސް ސައިލެންސަރު އަޑުގަދަކޮށް ދުއްވުމާއި، ހަރު ބިންމަތީގައި ގާނަމުން ދުއްވުމާއި، ދުވެލިމަތަތަކަށް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ކަމާގުޅޭ އިދާރާތަކުގެ ހުއްދަ ނުނަގައި ރޭސްޖެހުމާއި ހުނަރުދެއްކުމާއި، ނުރައްކާތެރިކޮށް އޯވަޓޭކްކުރުމާއި، މަސްތުގެ ހާލަތުގައި ދުއްވުމުގެ އިތުރުން، މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލަން މަސައްކަތްކުރާ ފަރާތްތަކާމެދުވެސް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވުމުގެ މައްސަލަތައް ބޮޑަށް ފާހަގަކުރެވޭ ހުޅުމާލޭގެ މަގުތަކަށާއި، ސިނަމާލެ ބްރިޖާއި މާލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭއަށެވެ. އަދި މުޅި ގްރޭޓަރ މާލެ ސަރަޙައްދު ހިމެނޭހެން މި ހަރަކާތްތައް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާނެއެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙަނީފާއި، ބްރިޖް އެންޑް ހައިވޭ އޮޕަރޭޝަންސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޢީމް މީގެކުރިން ވިދާޅުވެފައިވަނީ، މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތުންނަށް އަމާންކަމާއެކު މަގުތައް ބޭނުންކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. އަދި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުވަންދެން މެދުކެނޑުމެއްނެތި މި އޮޕަރޭޝަން ކުރިއަށްދާނެ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

ފުލުހުންގެ މި ހާއްސަ ހަރަކާތްތައް ކުރިއަށްގެންދަނީ މި އޮކްޓޫބަރު 1 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނު (ގާނޫނު ނަންބަރު 16/2026) ގެ ދަށުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450