ޚަބަރު
ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރި މީހަކު ފުރަތަމަ ފަހަރަށް ފުލުހަށް ހާޒިރުކޮށްފި
މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ފުލުހުން
އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަދި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރި މީހަކު ފުރަތަމަ ފަހަރަށް ފުލުހަށް ހާޒިރުކޮށް ނަސޭހަތްދީފިއެވެ.
ފުލުހުން ވިދާޅުވީ، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ތަކުރާރުކޮށް އުޅަނދު ދުއްވާފައިވާ 22 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތްދީފައިވާ ކަމަށާއި، އޭނާގެ ރެކޯޑުތަކުގެ ތެރޭގައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ސްޓަންޓް ޖައްސަމުން ދުއްވުމާއި، ޒިގްޒެގްކޮށް ބާރުސްޕީޑުގައި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، މޮބައިލް ފޯނުން ވާހަކަދައްކަމުން ދުއްވުން ވެސް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން، އުޅަނދުގެ އަހަރީ ފީ ހަމަވެފައި އޮއްވައި ދުއްވުމާއި، އޭނާގެ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވުން ވެސް އޭނާގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި، މިފަދައިން ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ނަސޭހަތްދިނުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުންގެންދާކަން ފުލުހުން ފާހަގަކުރެއްވިއެވެ.
އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް، މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުން ނިންމާފައިވާއިރު، ދާދިފަހުން ވަނީ ނުރައްކާތެރިކޮށް ދުއްވި މީހެއްގެ މައުލޫމާތު އާއްމުކޮށްފައެވެ.
މިފަދަ އަމަލުތައް ހުއްޓުވުމަށްކުރާ މަސައްކަތުގެ ދަށުން، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މައުލޫމާތު ޕްރޮފައިލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށާއި، މިފަދަ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ނަސޭހަތްތެރިވުމަށްފަހު، އެ އަމަލުތައް ތަކުރާރުކުރާ ނަމަ، ޓްރެފިކް ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކުރިން ކުރަމުން އައި ޖޫރިމަނާގެ އިތުރުން، އިތުރު އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.