ޚަބަރު
މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފި
މި އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރާ... ފޮޓޯ: ފުލުހުން
މާލޭގައި ބަނގުރަލުގެ ވިޔަފާރުކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހ. މާދޫގޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ، މިއީ ކައުންޓަރ ނާކޮޓިކްސް އިންޓަލިޖެންސާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ގުޅިގެން ކުރިއަށްގެންދާ އޮފަރޭޝަނެއްކަމަށެވެ. މި އޮޕަރޭޝަންގައި ފުޅާ ދާއިރާއެއްގައި ބަނގުރާ މާލެތެރޭގައި ފޯރުކޮށްދެމުންދާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހެންވޭރުގައި ހުންނަ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ⭕ އިތުރު ތަފުސީލު: https://t.co/kzL2NH9xbf
— Maldives Police (@PoliceMv) October 12, 2026
ހ. މާދޫގެ ބަލާ ފާސްކުރިއިރުގައި ގިނަ އަދަދެއްގެ ބަނގުރާ ވަނީ އަތުލައިގަނެވިފައެވެ. މާދޫ ގޭގެ ފުރަތަމަ ފަންގިފިލާ އަދި 5 ވަނަ ފަންގިފިލާއިން ބަނގުރާ އަތުލައިގަނެފައިވާއިރު، މިހާރުވެސް އޮޕަރޭޝަން ކުރިއަށްދާކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވިއެވެ.
މާލެތެރޭގައާއި އަދި ރަށްރަށުގައި ބަނގުރާ ގެންގުޅެ ވިޔަފާރި ކުރަމުންދާ ފަރާތްތައް ދެނެގަތުމަށްޓަކައި އާންމުންގެ އެހީތެރިކަން ބޭނުންވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.