ކުޅިވަރު
ގިނަ ދުވަސްތަކަކަށްފަހު ސީޑޯފް އަނބުރާ ފުޓުބޯޅައިގެ ތެރެއަށް
ކްލެރެންސް ސީޑޯފް / ފޮޓޯ: ގެޓީ އިމޭޖަސް
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ކުރީގެ ނެދަލެންޑްސް މިޑްފީލްޑަރު ކްލެރެންސް ސީޑޯފް އަނބުރާ ފުޓުބޯޅައިގެ ތެރެއަށް އައިސްފިއެވެ. އޭނާ އެނބުރި އައީ ބްރެޒިލްގެ ކްލަބް ކޮރިންތިއަންސްގެ ހެޑް ކޯޗެއްގެ މަގާމަށެވެ.
ޢުމުރުން 50 އަހަރުގެ ސީޑޯފް ކޮރިންތިއަންސްއާއެކު ސޮއިކޮށްފައިވަނީ 2027 ވަނަ އަހަރު ނިމެންދެންނެވެ. ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުންދާ ކޮރިންތިއަންސް މިވަގުތު އޮތީ ރެލިގޭޝަން ޒޯންއިން އެއް މަގާމް މަތީގައި، 16 ވަނައިގައެވެ. ލީގުގެ 8 މެޗު ބާކީ އޮއްވައި، އެ ޓީމަށް ވަނީ ޖެހިޖެހިގެން 7 މެޗުން ބަލިވެފައެވެ.
ސީޑޯފް ކޮރިންތިއަންސްއާ ހަވާލުވުމުގެ ކުރިން އެ ޓީމުގައި ހުރީ ކުރީގެ ބްރެޒިލްގެ ގައުމީ ކޯޗެއްގެ މަގާމު ވެސް އަދާކޮށްފައިވާ، ފެނާންޑޯ ޑިނިޒްއެވެ. ޑިނިޒް މަގާމުން ވަކިކުރީ ޖެހިޖެހިގެން 7 މެޗުން ބަލިވުމުންނެވެ.
ސީޑޯފް އެންމެ ފަހުން މިފަދަ މަގާމަކުން ފެނިފައި ވަނީ 2019 ވަނަ އަހަރެވެ. އެއީ ކެމަރޫންގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައެވެ. މީގެ އިތުރުން އޭނާ ވަނީ އޭސީ މިލާން، ޝެންޒެން އެފްސީ އަދި ޑިޕޯޓިވޯ ލަ ކަރޫނާ ފަދަ ކްލަބްތަކުގައިވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތްތަކުން އެދެވޭ ކާމިޔާބީތަކެއް ލިބިފައެއް ނުވެއެވެ.
ކޮރިންތިއަންސްއާ ގުޅުމާ ބެހޭގޮތުން ސީޑޯފް ބުނީ، އެ ޓީމާ ހަވާލުވުމަކީ ޝަރަފެއް ކަމަށާއި، ނަމަވެސް އެއީ ބޮޑު މަސްއޫލިއްޔަތެއްވެސް ކަމަށެވެ. އަދި އޭނާ އެ ޓީމާ ހަވާލުވީ ކޮންމެ ބޯޅައަކަށް، ކޮންމެ މިނިޓަކަށް، ކޮންމެ މޮޅަކަށް ހަނގުރާމަ ކުރާނެ ޓީމެއް ބިނާކުރުމަށް ކަމަށް ވެސް ވަނީ ބުނެފައެވެ.
ސީޑޯފް ކޮރިންތިއަންސްގެ ސްކޮޑާ ހަވާލުވިއިރު، އެ ޓީމުގައި ކުރިން މެންޗެސްޓަރ ޔުނައިޓެޑްގައި ކުޅުނު މެމްފިސް ޑިޕޭ އަދި ޖެސީ ލިންގާޑް ފަދަ ކުޅުންތެރިން ހިމެނެއެވެ.
ޑަޗްގެ މޮޅު ކުޅުންތެރިޔާ ސީޑޯފް 2014 ވަނަ އަހަރު ކުޅުން ހުއްޓާލިއިރު، އޭނާގެ ކުޅުމުގެ ކެރިއަރގައި 4 ޗެމްޕިއަންސް ލީގު ތަށި ހޯދާފައިވެއެވެ. އެގޮތުން، އޭނާ ވަނީ އޭސީ މިލާންއާއެކު ދެ ފަހަރު، ރެއަލް މެޑްރިޑްއާއެކު އެއް ފަހަރު އަދި އޭޖެކްސްއާއެކު އެއް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ތިން ކްލަބަކާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔަކީ ސީޑޯފްއެވެ.