Ads by Farudhun

ޚަބަރު

ހޯރަފުށީގެ މަގުތައް ހެދުން: މިހާރު ކުރިޔަށްދަނީ ޓޭންކުތައް ބެހެއްޓުމުގެ މަސައްކަތް

ހޯރަފުށީގެ މަގުތައް ހެދުން: މިހާރު ކުރިޔަށްދަނީ ޓޭންކުތައް ބެހެއްޓުމުގެ މަސައްކަތް

ހޯރަފުށީގެ މަގުތައް ހެދުމުގެ މަސައްކަތް / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

12 އޮކްޓޯބަރު 2026، 03:11

12 އޮކްޓޯބަރު 2026، 03:11

ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ކުރިޔަށްގެންދާ މަޝްރޫއުގެ ތެރެއިން މިހާރު ކުރިޔަށްދަނީ ޓޭންކުތައް ބެހެއްޓުމުގެ މަސައްކަތްކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ހާމަކޮށްފިއެވެ. މި މަސައްކަތްތަކާއެކު، ހޮޅި ވަޅުލުމުގެ މަސައްކަތް ވެސް ކުރިޔަށްދާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި، ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަގުތައް ފެހިކުރުމަށް ގްރީން އޭރިއާގެ މަސައްކަތާއި، ކޭބަލް ޖަންކްޝަން އަދި ސަރވިސް ލައިން ވަޅުލުމާއި، މަގުބައްތި ޖެހުމާއި މަގުމަތީ ނިޝާންތައް ކުރެހުމާއި ހަރުކުރުންވެސް ހިމެނޭކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. މި ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ޖުމްލަ 30.46 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އެމް.ޓީ.ސީ.ސީން ވަނީ ހާމަކުރައްވާފައެވެ.

ހޯރަފުށީ މަގުތައް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައީ އެމް.ޓީ.ސީ.ސީންނެވެ. ފުރަތަމަ ފިޔަވަހީގައި ރަށުގެ 11 މަގުގައި ޖުމްލަ 5.3 ކިލޯމީޓަރުގައި ތާރު އަޅާފައިވެއެވެ. އަދި އެ ފިޔަވަހީގެ މަސައްކަތަށް 71 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެވިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

އެމް.ޓީ.ސީ.ސީން ފާހަގަކުރައްވާ ގޮތުގައި، ފުރަތަމަ ފިޔަވަހީގެ ދަށުން ހޯރަފުށި މަގު ހެދުމުގެ ސަބަބުން ގިނަ މަގުތަކެއް ފެންބޮޑުވުމުންނާއި، ޗަކަވުމުންނާއި، އަޑިގުޑަންވުމާއި، ހިރަފުސްވުމުން ލިބެމުންދިޔަ ދަތި އުނދަގުލަށް ބޮޑު ހައްލެއް ލިބިފައިވެއެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ހޯރަފުށި އެތެރޭގެ މަގުތައް ހެދުމާއެކު މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެކަންވެސް އެކުންފުނިން ފާހަގަކުރައްވައެވެ.

ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ އިތުރުންވެސް އެމް.ޓީ.ސީ.ސީން ވަނީ މީގެކުރިން ހޯރަފުށީގައި މުހިންމު ބޮޑެތި މަޝްރޫޢުތަކެއް ހިންގާފައެވެ. އެގޮތުން ހޯރަފުށީ އެއަރޕޯޓު މަޝްރޫޢާއި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ހިންގި ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450