ޚަބަރު
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހުން ބަލައިގަނެ ޖުޑިޝަރީ ކޮމިޓީއަށް
ރައްޔިތުންގެެ މަޖިލީހުގެ ޖަލްސާއެއް. ފޮޓޯ: މަޖިލިސް
ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން މިއަދު ބަލައިގަނެ، ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ. ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ އަމަލުތަކުން ހޯދާ މާލީ މަންފާ ބޭނުންކުރުން ހުއްޓުވުމާއި، ނުހައްގުން ހޯދާ މުދާ އަތުލައި އެއިން އިތުރު މަންފާ ހޯދޭނެ ދޮރުތައް ބަންދުކުރުމަށް ބޭނުންވާ ގާނޫނީ ހަރުދަނާ އޮނިގަނޑެއް ގާއިމުކުރުމެވެ. މި ބިލުގެ ދަށުން ކުށް ސާބިތުވުމުން މުދާ ނެގުމުގެ އިތުރުން، އިސްތިސްނާ ހާލަތްތަކުގައި ކުށް ސާބިތުނުވި ނަމަވެސް މުދާ ދައުލަތަށް ނެގޭނެ އުސޫލުތަކާއި، މުއާމަލާތުކުރުން ހުއްޓުވުމަށް މުދާ ހިފެހެއްޓުމުގެ އުސޫލުތައްވެސް ވަނީ އެކުލަވާލާފައެވެ. އަދި ބޭރު ގައުމުތައް މެދުވެރިކޮށް ހޯދާ މުދާ ހިފެހެއްޓުމާއި، ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ހޯދާފައިވާ މުދަލާ މެދު ފިޔަވަޅު އެޅުމުގައި އެހީތެރިކަން ދިނުމުގެ އުސޫލުތައްވެސް ބިލުގައި ހިމެނެއެވެ.
ބިލުގައިވާ ގޮތުން މި ގާނޫނު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިނގާ ކަންކަމަށާއި، ބޭރު މީހުން ހިމެނޭހެން ރާއްޖޭގައި ދިރިއުޅޭ އެންމެންގެ މައްޗަށާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި އެފަރާތްތަކުގެ މުދަލުގެ މައްޗަށް ހިނގާނެއެވެ. މީގެ ތެރޭގައި މަނީ ލޯންޑަރިން، ޓެރަރިޒަމް އަދި އެކަމަށް ފައިނޭންސްކުރުން، މީހުން މެރުން، މަސްތުވާތަކެއްޗާއި އިންސާނުން އަދި ހަތިޔާރު ޓްރެފިކްކުރުން، ޖިންސީ ގޯނާ، ފައިސާ ކައުންޓަފީޓްކުރުން، އިންސައިޑާ ޓްރޭޑިން، މާކެޓް މެނިޕިއުލޭޝަން އަދި ކޮރަޕްޝަން ފަދަ ކުށްތައް ހިމެނެއެވެ. މީގެ އިތުރުން 500،000 ރުފިޔާއިން މަތީގެ އަދަދުތައް ހިމެނޭ ޓެކްސް އެއްކިބާވުމުގެ ކުށްތަކާއި، 100،000 ރުފިޔާއިން މަތީގެ ވައްކަމާއި ފޭރުމާއި ހިޔާނާތް އަދި ސްމަގްލިން ފަދަ ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެއެވެ.
މި ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ކޮށްފައިވާ ކުށްތަކާއި ރާއްޖެއިން ބޭރުގައި ކޮށްފައިވާ ކުށްތަކަށްވެސް މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށާއި، ކުށް ސާބިތުވި ނަމަވެސް ނުވި ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އިރުޝާދުގެ ދަށުން މުދާ ނެގުމުގެ ބާރު ލިބިގެންވާ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ގާނޫނަށް އަމަލުކުރަން ފަށާތާ އެއް މަސް ދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެ ނަމުގައި މިނިވަން އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަން ޖެހެއެވެ. މި އިދާރާއަކީ މާލީ ވުޒާރާގެ ދަށުން ހިނގާ، މަޖިލީހަށް ޖަވާބުދާރީވާ އިދާރާއެކެވެ. މީގެ އިތުރުން ގާނޫނަށް އަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި، ނަގާ މުދަލުން ކުށްކުރުން ހުއްޓުވުމަށާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމުގެ ހަރަދުތައް ހަމަޖެއްސުމަށް "ރިކަވާޑް އެސެޓް ފަންޑު" ގެ ނަމުގައި ހާއްސަ ފަންޑެއް ގާއިމުކުރަންޖެހެއެވެ.
މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މިއީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ހޯދާ މާލީ މަންފާތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ވޭތުވެދިޔަ ތަނުގައި އެފަދަ ކުށްތަކުން ހޯދާފައިވާ ދައުލަތުގެ މުދާ އަނބުރާ ހޯދުމުގައި ދިމާވެފައިވާ ގާނޫނީ ހުރަސްތަކަށްވެސް މި ބިލުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ