ޚަބަރު
70 އަހަރުން މަތީގެ 324 ބޭފުޅަކަށް ހައްޖުގެ ފުރުސަތު ދެވޭނެ - ފިރުޒުލް
ހައްޖު ކޯޕަރޭޝަންގެ އެމްޑީ ވާހަކަ ދައްކަވަނީ - ފޮޓޯ ޕީއެސްއެމް
ޙައްޖަށް ދިއުމަށް ގިނަ އަހަރުތަކެއް ވަންދެން އިންތިޒާރުކުރައްވަމުން އަންނަ ޢުމުރުން ދޮށީ ބޭފުޅުންނަށް ޚާއްސަކޮށް، 1448 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ޢުމުރުން 70 އަހަރުން މަތީގެ 324 ބޭފުޅަކަށް ލިބިގެންދާނެ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރްޒުލް ވިދާޅުވީ، މިފަދަ ހާއްސަ އުސޫލެއް ތަންފީޒުކުރަން ނިންމާފައިވަނީ، ޙައްޖަށް ދިއުމަށް އެތައް އަހަރެއް ވަންދެން ބޭނުންވެގެން އުޅޭ ޢުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދިނުމުގެ ގޮތުން ކަމަށެވެ. މި އުސޫލުގެ ދަށުން ޙައްޖު ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބެލެވޭނީ 31 ޑިސެންބަރު 2023 ގެ ނިޔަލަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ކަމަށާއި، ޢުމުރުން 70 އަހަރުން މަތީގެ ފަރާތްތަކެއް ކަމުގައި ބެލެވޭނީ 31 ޑިސެންބަރު 2026 ގެ ނިޔަލަށް ޢުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށެވެ.
"އެގޮތުން 70 އަހަރުން މަތީގެ 324 މީހުންނަށް މި އުސޫލުގެ ދަށުން 1448 ވަނަ އަހަރުގެ ޙައްޖުން ފުރުޞަތު ލިބިދެވޭނެއެވެ. މީގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުންނަށް ފުރުޞަތު ލިބިދެވޭނެއެވެ. މި އުޞޫލު ތަންފީޒުކުރުމާއެކު، 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް މިހާރު އަންދާޒާކޮށްފައިވާ ފުރުސަތަށް ލަސްވުމެއް ނާންނެހެން، 65 އަހަރުން މަތީގެ ފަރާތްތަކަށްވެސް މި އަހަރުގެ ކިޔޫގައި އިސްކަންދޭނެ"
އަލްއުސްތާޛު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
މި ފުރުޞަތު ލިބިގެންދާ 324 ބޭފުޅުންގެ ތެރޭގައި ޢުމުރުން 75 އަހަރުން މަތީގެ 86 ބޭފުޅުން ހިމެނޭކަން ފިރްޒުލް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޙައްޖުގެ އަޅުކަން މީގެ ކުރިން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ޙައްޖު އަދާކުރުމަށް ދާ މީހުންނަށް މި ފުރުޞަތު ދިނުމަށް ކޯޕަރޭޝަނުން ވަނީ ކަނޑައަޅާފައެވެ.
ފިރުޒުލް ވިދާޅުވީ މި އުސޫލު ތަންފީޒުކުރުމުގެ ސަބަބުން 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް މިހާރު އަންދާޒާކޮށްފައިވާ ފުރުސަތަށް ލަސްވުމެއް ނާންނާނެއެވެ. އަދި 65 އަހަރުން މަތީގެ ފަރާތްތަކަށްވެސް މި އަހަރުގެ ކިޔޫގައި އިސްކަންދެވޭނެއެވެ. އެކުގައި ދިއުމަށް ފައިސާ ދައްކާފައިވާ ޢާއިލީ މެންބަރުންގެ ތެރެއިން މި އުސޫލުގެ ދަށުން ފުރުޞަތު ލިބޭ ބޭފުޅެއްގެ ސަބަބުން އެއްވެސް ޢާއިލީ މެންބަރަކަށް ފުރުޞަތު ނުގެއްލޭނެހެން އިސްކަންދޭނެ ކަމަށްވެސް ފިރުޒުލް ވަނީ ޔަގީންކަން ދީފައެވެ.
މި އުސޫލުގެ ސަބަބުން ކިއޫގައި ތިބި 65 އަހަރުން ދަށުގެ ބައެއް ބޭފުޅުންނަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް ކުރިމަތިވި ނަމަވެސް، މިއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ ޢުމުރުގެ އެތައް ރައްޔިތުންނަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއްކަމަށެވެ.
ފިރުޒުލް ވިދާޅުވީ މިއީ ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ބޭނުން އެންމެ އިންޞާފުވެރި އަދި އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށާއި، މި ކަމުގެ ސަބަބުން ޙައްޖު ކިއުގެ އިންތިޒާމުތައް ހަރުދަނާވެ، ކުރިއަށް އޮތް ތަނުގައި ހުރިހާ ޢުމުރުފުރާތަކަށްވެސް ފުރުޞަތުތައް އަވަހަށް ތަނަވަސްވުމަށް މަގުފަހުވާނެ ކަމަށެވެ.