ޚަބަރު
އުކުޅަހު ފުލުހުންގެ މަރުކަޒުގެ ފުރާޅު އެޅުމުގެ މަސައްކަތް ނިމިއްޖެ
އުކުޅަހު ފުލުހުންގެ މަރުކަޒުގެ ފުރާޅުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
އއ. އުކުޅަހު ފުލުހުންގެ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ އިމާރާތުގެ ފުރާޅު އެޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ރޫފިންގ ޝީޓްސް އެޅުމުގެ މަސައްކަތް އެއްކޮށް ނިމި، މިހާރު ކުރިއަށް ދަނީ ސެލް ބްލޮކްސް ރޭނުމުގެ މަސައްކަތް ކަމަށެވެ. އަދި ސެލް ބްލޮކްސް ރޭނުމުގެ މަސައްކަތުގެ 75 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މި މަޝްރޫއުގެ ދަށުން 5،200 އަކަފޫޓުގެ ސަރަޙައްދެއްގައި ޕޮލިސް އިމާރާތަކާއެކު، ކުށްވެރިން ބައިތިއްބާ ގޮޅިބަރިއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބިންގަނޑާއި ކޮންކްރީޓް މަސައްކަތްތަކާއި، މޭސަނަރީ، ޓައިލްސް ޖެހުން، ދޮރާއި ކުޑަދޮރު ހަރުކުރުން، ދަވާދު ލުން، ދަގަނޑުގެ މަސައްކަތް، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތަކުގެ އިތުރުން ކަރަންޓު ވަޔަރިންގ ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ދައުލަތުގެ ބަޖެޓުން 7.11 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 240 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ އޮގަސްޓް 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މި އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އެކި ކަންކޮޅުތަކުގައި ބާރަށް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެއެވެ. މިގޮތުން އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކާއި، ޕޮލިސް ޑެސްކުތައް އެޅުމުގެ ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ.