ޚަބަރު
އެމްއެމްއޭ ފިންލިޓް ފެސްޓް: ފައިނޭންޝަލް ފިއުޗާސް މަޒުމޫން މުބާރާތް
ފައިނޭންޝަލް ފިއުޗާސް މަޒުމޫން މުބާރާތް---
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)ގެ ފިންލިޓް ފެސްޓް "ފައިނޭންޝަލް ފިއުޗާސް" މަޒުމޫން ލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މި މުބާރާތަކީ މާލީ ކަންކަމާއި ބެހޭ މަޢުލޫމާތާއި، ޒިންމާދާރު މާލީ ނިންމުންތަކުގެ ސަބަބުން، ދިރިއުޅުމާއި، މުޖުތަމަޢު އަދި މުސްތަޤުބަލު ބައްޓަންކުރެވިދާނެ ގޮތްތަކާމެދު ފިކުރުކުރުމަށް ޒުވާނުންނަށް ބާރުއެޅުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
އުފެއްދުންތެރި މަޒުމޫންތަކުގެ ޒަރީއާއިން، މާލީ ހޭލުންތެރިކަން ޙަޤީޤީ ދިރިއުޅުމުގެ ގޮންޖެހުންތަކާ ގުޅުވާލުމަށާއި، ދިވެހިރާއްޖެއަށް އެންމެންގެ ބައިވެރިވުން އެކުލެވޭ، ވިލުންވެރި، އަދި ދެމެހެއްޓެނިވި މާލީ މުސްތަޤުބަލެއް ބިނާކުރުމަށް ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާމެދު ވިސްނުމަށް ދަރިވަރުންނަށް ހިތްވަރު ލިބިގެންދާނެ ކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ.
މަޒުމޫނުގެ މައުޟޫއުތައް:
1. ފައިނޭންޝަލް ލިޓަރަސީ އެންޑް ރެސްޕޮންސިބަލް މަނީ މެނޭޖްމަންޓް: ފައިސާއާ ބެހޭގޮތުން ދެނެގަތުމާއި، ދުޅަހެޔޮ މާލީ އާދަތައް އަށަގެން ވުމާއި، ފައިސާ ވިސްނުންތެރިކަމާއެކު ރައްކާކޮށް ހަރަދުކުރުމާއި، އަދި ޒިންމާދާރު މާލީ ނިންމުންތައް ނިންމުން.
2. ފައިނޭންޝަލް އިންކްލޫޝަން އެންޑް ޝެއާޑް ޕްރޮސްޕެރިޓީ: މާލީ ހިދުމަތްތަކަށް ހަމަހަމަކަމާއެކު ވާސިލުވެވޭނެ މަގު ތަނަވަސްވުމާއި، މާލީ ބައިވެރިވުމުގެ ސަބަބުން ވަރުގަދަ، ދެމެހެއްޓެނިވި އަދި ފާގަތި މުޖުތަމައުތަކެއް ބިނާކުރުމަށް އެހީތެރިވެދޭ ގޮތްތައް ހޯދުން.
3. ޔޫތު އެންޑް ދަ ފިއުޗާ އޮފް ފައިނޭންސް: ޒިންމާދާރު، ޝާމިލު، އަދި އީޖާދީ މާލީ ނިޒާމެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރާއި، އެ ކުދިންގެ ޚިޔާލުތަކާއި، އަދި އެ ކުދިންގެ ބައިވެރިވުން ފާހަގަކުރުން.
4. ޓެކްނޮލޮޖީ އެންޑް ދަ ޑިޖިޓަލް ފިއުޗާ އޮފް ފައިނޭންސް: ޑިޖިޓަލް ޓެކްނޮލޮޖީއާއި މާލީ އީޖާދުތަކުގެ އަސަރުތައް ދެނެގަތުން. މީގެ ތެރޭގައި ޑިޖިޓަލް ފައިސާދެއްކުމާއި ހިދުމަތްތައް ހިމެނޭއިރު، ރައްކާތެރި އަދި ޒިންމާދާރުކަމާއެކު އެ ތަކެތި ބޭނުންކުރުމަށް ބާރުއެޅުން.
5. އެތިކަލް، ސަސްޓެއިނަބަލް އެންޑް ވެލިއުސް-ބޭސްޑް ފައިނޭންސް: އަޚްލާޤީ މިންގަނޑުތަކާއި، ދެމެހެއްޓެނިވިކަމާއި، އިޖުތިމާޢީ ޒިންމާއާއި، އަދި އިސްލާމީ މާލީ ނިޒާމުގެ ހަމަތައް ހިމެނޭގޮތަށް މާލީ ނިންމުންތައް ނިންމުމުގައި އެކަންކަމުން މަގުދައްކައިދީ ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް އެހީތެރިވެދޭ ގޮތްތައް ހޯދުން.
މި މުބާރާތް ކުރިއަށް ގެންދާނީ ދަރިވަރުންގެ އުމުރަށް ބަހާލައިގެން ދެ ކެޓަގަރީއަކަށެވެ. އެއީ ގްރޭޑް 11 އިން 12 އަށް ހިމެނޭ ސީނިއަރ ކެޓެގަރީއާއި، ގްރޭޑް 8 އިން 10 ހިމެނޭ ޖޫނިއަރ ކެޓަގަރީއެވެ.
ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ޝަރުތުތައް:
1. މަޒުމޫން ހުށަހަޅަން ވާނީ ވަކިވަކިން
2. މަޒުމޫން ލިޔަން ވާނީ ދެވިފައިވާ މައުޟޫޢުތަކުގެ ތެރެއިން މައުޟޫއަކަށް
3. ކޮންމެ ދަރިވަރަކަށްވެސް ހުށަހެޅޭނީ އެންމެ މަޒުމޫންއެއް
4. މަޒުމޫން ލިޔަންވާނީ އިނގިރޭސި ބަހުން
5. ހުށަހަޅާ ލިޔުމަކީ އަމިއްލަ އުފެއްދުމަކަށް ވާންވާނެ ( ކުރިން ޝާއިރުކޮށްފައިވާ ނުވަތަ އޭއައި ބޭނުންކޮށްގެން ނުވާނެ)
6. ބޭނުންކޮށްފައިވާ ރެފެރެންސް ރަނގަޅަށް ބަޔާންކުރަންވާނެ
7. 700-1200 ބަސް ހިމަނަންވާނެ
8. ފޯމެޓްކުރުން: ޓައިޕްކޮށްފައި، ޑަބަލް- ސްޕޭސް، ޓައިމްސް ނިއު ރޫމަން، ފޮންޓް ސައިޒު 12، ޕީޑީއެފް ފޯމެޓް
ކަވަރ ޕޭޖުގައި ހިމަނަންވީ މައުލޫމާތު:
1. ބައިވެރިވާ ފަރާތުގެ ފުރިހަމަ ނަން
2. ގްރޭޑާއި ސްކޫލް
3. އައިޑީ ކާޑު ނަންބަރު
4. މަޒުމޫންގެ މައުޟޫއާއި ތީމު
5. ގުޅޭނެ ނަންބަރާއި މައުލޫމާތު
6. ބައިވެރިވާ ފަރާތުގެ އައިޑީ ކާޑުގެ ފޮޓޯއެއް ހުށަހަޅަންވާނެ
- ހުރިހާ ލިޔުންތަކެއް އީމެއިލް ކުރަންވާނީ [email protected] އަށެވެ. އަދި ސަބްޖެކްޓް ލައިންގައި MMA Finlit Fest Financial Future Essay Competition ލިޔަންވާނެއެވެ.
- ހުށަހެޅޭނެ އެންމެ ފަހުގެ ތާރީހް: 01 ނޮވެންބަރ 2026
- ގަޑި: 23:59
- ފިޒިކަލްކޮށް ލިޔުންތައް ބަލައެއް ނުގަނެވޭނެ
މާކްސް ދޭ މިންގަނޑު:
1. ކޮންޓެންޓް
2. އޮނިގަނޑު
3. ބަހުގެ މިންގަނޑު
4. އިރުޝާދުތަކަށް އަމަލުކޮށްފައިވާ މިންވަރު
5. އުފެއްދުންތެރި އީޖާދީ ޚިޔާލު ހިމެނޭ މިންވަރު
ކޮންމެ ކެޓަގަރީއަކުން ހުށަހަޅާފައިވާ މަޒުމޫނުގެ ބާވަތަށް ބަލައިގެން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެއްވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާގެ އިނާމާއެކު ސެޓްފިކެޓް ލިބިގެންދާނެއެވެ. އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 2,000 ރުފިޔާ އިނާމާއި ސެޓްފިކެޓް ލިބިގެންދާނެއެވެ. މީގެ އިތުރުން، ތިނަ ވަނައަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ އިނާމާއި ސެޓްފިކެޓް ލިބިގެންދާނެއެވެ.