ދުނިޔެ
ބައެއް ގައުމުތަކުން ޔޫކޭގެ ޔުނިވަރސިޓީތަކަށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަންނަ މިންވަރު މަދުކޮށްފި
ޔޫކޭގެ ޔުނިވަރސިޓީ ދަރިވަރުންތަކެއް / ފޮޓޯ: ގެޓީއިމޭޖަސް
ޔޫކޭގެ ހޯމް އޮފީހުން ވިސާގެ އުސޫލުތައް ހަރުކަށިކުރުމާ ގުޅިގެން، ބައެއް ގައުމުތަކުގެ ދަރިވަރުން ޔުނިވަރސިޓީތަކަށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަންނަ މިންވަރު މަދުކޮށްފިއެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި، ޔޫކޭގެ ސްޓަޑީ ވިސާ އެޕްލިކޭޝަންތަކުގެ 10.5 އިންސައްތަ ވަނީ ބަލައިނުގަނެއެވެ. އެހެންކަމުން ފާއިތުވި އަހަރުތަކާ ބަލާއިރު، ބަލައިނުގަންނަ އެޕްލިކޭޝަންތައް މިވަނީ ބޮޑުތަކުން އިތުރުވެފައެވެ.
މިކަމުގައި އެންމެ ބޮޑު އަސަރެއް ކުރި ގައުމުތަކުގެ ތެރޭގައި ޕާކިސްތާނު ހިމެނެއެވެ. އެގައުމުގެ ދަރިވަރުން ހުށަހެޅި އެޕްލިކޭޝަންތަކުގެ 40.9 އިންސައްތަ އެޕްލިކޭޝަން ބަލައެއް ނުގަނެއެވެ. އަދި ބަންގްލަދޭޝްގެ 23.5 އިންސައްތަ އަދި ނައިޖީރިއާގެ 22.7 އިންސައްތަ އެޕްލިކޭޝަންވެސް ބަލައިގެންފައެއް ނުވެއެވެ. މީގެއިތުރުން އިންޑިއާގެ ދަރިވަރުންގެ 5.2 އިންސައްތަ އެޕްލިކޭޝަން ވެސް ބަލައިގެންފައެއް ނުވެއެވެ.
މި ބަދަލުތައް އައީ ޔުނިވަރސިޓީތަކުން ބައިނަލްއަޤްވާމީ ދަރިވަރުންނަށް ސްޕޮންސާކުރުމަށް ހޯމް އޮފީހުން ކަނޑައަޅާފައިވާ "ބޭސިކް ކޮމްޕްލަޔަންސް އެސެސްމެންޓް" ހަރުކަށިކުރުމާ ގުޅިގެންނެވެ. އެ އުސޫލު ބުނާގޮތުން ޖޫން 1 ވަނަ ދުވަހުން ފެށިގެން، ޔުނިވަރސިޓީތަކަށް ވިސާ ދޫކުރާ މިންވަރު މަދުކުރެވޭނެއެވެ. އަދި ސްޕޮންސާކުރާ ދަރިވަރުންގެ ތެރެއިން މަދުވެގެން 95 އިންސައްތަ ދަރިވަރުން ކޯސްތަކަށް ވަނުމާއި، 85 އިންސައްތަ ދަރިވަރުން ކޯސްތައް ފުރިހަމަކުރުން ވެސް ލާޒިމުކުރެއެވެ. މި މިންގަނޑުތައް ތަކުރާރުކޮށް ފުރިހަމަނުކުރާ ޔުނިވަރސިޓީތަކަށް ދަރިވަރުންނަށް ސްޕޮންސާކުރުމުގެ ލައިސަންސް ގެއްލިދާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.
ސަރުކާރުން ބުނާ ގޮތުގައި، މި އުސޫލުތައް ހަރުކަށިކުރަނީ ދަރިވަރުންގެ ވިސާގެ ނިޒާމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައެވެ. ޚާއްސަކޮށް، ދަރިވަރުންގެ ވިސާގައި ޔޫކޭއަށް ވަދެ، އެކަހެރި ހިޔާވަހިކަމަށް އެދުން ނުވަތަ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރުން ފަދަ ކަންކަން ހުއްޓުވުމަށެވެ. މައިގްރޭޝަން އަދި ސިޓިޒަންޝިޕް މިނިސްޓަރ މައިކް ޓެޕް ވިދާޅުވީ، ޔޫކޭއިން ބައިނަލްއަޤްވާމީ ދަރިވަރުންނަށް މަރުޙަބާ ކިޔަމުންދާނެ ކަމަށާއި، ނަމަވެސް ވިސާގެ ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދޭނެކަމަށެވެ.
މި އުސޫލުތަކާ ގުޅިގެން ދަރިވަރުން ސްޕޮންސާކުރުމުގެ އުސޫލުތައް ހަރުކަށިކޮށްފައިވާ ބައެއް ޔުނިވަރސިޓީތަކުގެ ތެރޭގައި ސަންޑަލެންޑް، ޗެސްޓަރ، ވޮލްވަރހެމްޓަން، އީސްޓް ލަންޑަން، ކޮވެންޓްރީ، ހެރޓްފޯޑްޝަޔާ، އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީ، ގްލާސްގޯ ކެލެޑޯނިއަން ޔުނިވަރސިޓީ އަދި ބީޕީޕީ ޔުނިވަރސިޓީ ހިމެނެއެވެ.
މިކަންކަން ހަރުކަށިކުރަނީ ޔޫކޭގެ ތަޢުލީމީ ދާއިރާއަށް މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. 2024/25 ވަނަ އަހަރު ބައިނަލްއަޤްވާމީ ދަރިވަރުންގެ ފީގެ ގޮތުގައި 12.4 ބިލިއަން ޕައުންޑް ވަނީ ޔުނިވަރސިޓީތަކަށް ލިބިފައެވެ. މިއީ ޔުނިވަރސިޓީތަކުގެ ޖުމްލަ އާމްދަނީގެ 23 އިންސައްތައެވެ.