ޚަބަރު
އަންނަ އަހަރުން ފެށިގެން ޙައްޖުވެރިންގެ މެޑިކަލް ޗެކަޕް ސަރުކާރުން ހިލޭ ހަމަޖައްސައިދެނީ
ޙައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ފިރުޒުލް. ފޮޓޯ: އިސްލާމީ ވުޒާރާ
އަންނަ އަހަރުން ފެށިގެން ޙައްޖަށް ދާ ދިވެހިންގެ މެޑިކަލް ޗެކަޕް ހިލޭ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ، ޙައްޖަށް ދިއުމުގެ ކުރިން ކޮންމެ މީހަކުވެސް އެ މީހެއްގެ ޞިއްޙީ ހާލަތު ދެނެގަނެ، ދުރާލާ އެކަމަށް ތައްޔާރުވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ހުރިހާ ޙައްޖުވެރިންވެސް މެޑިކަލް ޗެކަޕް ހެދުމަކީ ލާޒިމް ކަމަކަށްވާއިރު، އެ އިންތިޒާމުތައް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދިނުމަށްޓަކައި ޙައްޖު ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އާސަންދަ) ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އިންތިޒާމުތައް ބައްޓަންކުރެވިގެންދާނީ މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިންކަން ފާހަގަކުރައްވަމުން ފިރުޒުލް ވިދާޅުވީ، ޙައްޖަށް ދާ ފަރާތްތަކުގެ ޞިއްޙީ ހާލަތު ދުރާލާ އެނގިފައި އޮތުމަކީ އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތަކަށާއި، ދިމާވެދާނެ ކުއްލި ޞިއްޙީ ހާލަތްތަކަށް އިޖާބަދިނުމަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.
"އަންނަ އަހަރުން ފެށިގެން އަމިއްލަ ޖީބުން ޚަރަދުކުރަން ޖެހިވަޑައިނުގެން އެހެންނަމަވެސް ހަރުދަނާ ނިޒާމެއްގެ ތެރެއިން މެޑިކަލް ޗެކަޕްގެ ފުރުސަތު ލިބިގެންދާނެ،"
ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ފިރުޒުލް
މީގެއިތުރުން، ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށް ދާ މީހުންނަށްވެސް، އެ މީހަކު ދިރިއުޅޭ ރަށަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. ކުރިން މި ޚިދުމަތް ހިލޭ ލިބެން ހުންނަނީ ހަމައެކަނި މާލެ ސިޓީންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްޖުވެރިންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، އަންނަ ނޮވެންބަރު މަހުގެ ޢުމްރާ ދަތުރުން ފެށިގެން މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުންވެސް އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.