ޚަބަރު
ޕާކިން ބިލްޑިންތަކުގެ މަސައްކަތްތައް އަންނަ އަހަރުގެ ނޮވެންބަރު މަހަށް ނިންމާލެވޭނެ: ވަޒީރު ސަޢީދު
ވަޒީރު ސަޢީދު. ފޮޓޯ: ރައީސް އޮފީސް
މާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޕާކިން ބިލްޑިންތަކުގެ މަސައްކަތްތައް އަންނަ އަހަރުގެ ނޮވެންބަރު މަހަށް ނިންމާލެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މާލެ ސަރަޙައްދުގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން ޖުމްލަ 7 ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ހީނާމާގޭގައި އެޅުމަށް ނިންމާފައިވާ ޕާކިން ބިލްޑިންގެ އެންމެ ފަހުގެ މަސައްކަތްތައް ކޮންޓްރެކްޓަރާއެކު މިހާރު ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން ދެވަނަ އިމާރާތުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ސޯސަންމަގުގައި ޔުނިވަރސިޓީއާ ޖެހިގެން އޮތް ބިމުގައިވެސް ޕާކިން ބިލްޑިންއެއް އެޅުމަށް މިވަނީ ނިންމަވާފައި. އިއްޔެ ދެން އަޅުގަނޑުމެންނަށް މިވަނީ މިކަމުގެ އެންމެ ފައިނަލް މަރުހަލާތައް ނިމި، އިންތިޒާރު މިކުރަނީ މާގިނަ ދުވަހެއްނުވެ ކޮންޓްރެކްޓަރަކާ ހަވާލުކުރެވިގެންދާނެ ކަމަށް، ޓާގެޓަކީ ދެ ބިލްޑިންގެ މަސައްކަތްތައްވެސް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމާލުން."
ވަޒީރު މުޙައްމަދު ސަޢީދު
މި މަޝްރޫޢުތައް ނިމުމުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބިގެންދާނެއެވެ. މީގެ އިތުރުން މާލޭގެ ހަނި މަގުތަކުގެ ޑިޒައިނަށް ބަދަލުގެނެސް ޕާކުކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި 4 މަގަކަށް ބަދަލު ގެނައުމުގެ ދިރާސާތަކާއި ކުރެހުމުގެ މަސައްކަތްތައް އާންމުންގެ ޚިޔާލާއެކު ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، އާންމު ދަތުރުފަތުރުގެ ޤާނޫނަށް ގެނައި އިސްލާހާއި ގްރޭޓަރ މާލެ މޮބިލިޓީ އޮފީހުގެ މަސައްކަތްތަކަށް ލަފާދިނުމަށް އެކުލަވާލި 'ރޯޑް ސޭފްޓީ ކައުންސިލް' ގެ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ.
"ރޯޑް ސޭޕްޓީ ކައުންސިލްގެ ތެރޭގައި މިހިމެނެނީ ޓްރާންސްޕޯޓު މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ހޯމްލޭންޑާއި، އެޓާނީ ޖެނެރަލް، ކޮންސްޓްރަކްޝަން މިނިސްޓްރީ، އަދި މޯލްޑިވްސް ޕޮލިސް ސާވިސް. އިއްޔެ އަޅުގަނޑުމެން ރޯޑް ސޭފްޓީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުންވެސް މިވަނީ ބާއްވާފައި. އަދި މިއަދުވެސް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި،" ވަޒީރު ފާހަގަކުރެއްވިއެވެ.
ޓްރެފިކް ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ހެވީ ވެހިކަލްތައް ދުއްވުމުގެ ޤަވާއިދުތަކަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ކަމާބެހޭ އިދާރާތަކާއެކު ކުރިއަށްދާ ކަމަށާއި، މިކަމާގުޅޭ އުސޫލު އަންނަ ހަފުތާގެ ތެރޭގައި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވޭނެ ކަމަށްވެސް ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.