ޚަބަރު
351 ޒުވާނުންނާއެކު ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ 4 ވަނަ ބެޗު ފަށައިފި
ނެޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ 4 ވަނަ ބެޗް. ފޮޓޯ: ދިފާޢީ ވުޒާރާ
ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގެ 4 ވަނަ ބެޗު 351 ދިވެހި ޒުވާނުންނާއެކު ޅ. މާފިލާފުށީގައި މިއަދު ފަށައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ދަނީ ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައެވެ.
ޖުމްލަ 14 ހަފުތާގެ މުއްދަތަށް ހިންގާ މި ތަމްރީނު ބެޗުގައި ބައިވެރިވަނީ ސެލެކްޝަން މަރުހަލާ ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު 287 ފިރިހެން އަދި 64 އަންހެން ޒުވާނުންނެވެ. މި ބައިވެރިންނަކީ ރާއްޖޭގެ 20 އަތޮޅަކުން 126 ރަށަކަށް ނިސްބަތްވާ ޒުވާނުންނެވެ. ބައިވެރިންގެ އުމުރުފުރައަށް ބަލާއިރު، އެންމެ ގިނައީ 17 އަހަރުގެ ބައިވެރިންނެވެ. އެއީ ޖުމްލަ 117 ކުދިންނެވެ. މީގެ އިތުރުން 16 އަހަރާއި 17 އަހަރާ ދެމެދުގެ 162 ކުދިން އަދި 18 އަހަރުން މަތީގެ 189 ޒުވާނުން މި ބެޗުގައި ހިމެނެއެވެ.
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ އަކީ ދިވެހި ވަޠަނީ ޚިދުމަތާ އަލަށް ގުޅޭ މެމްބަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކުރުމާއި، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ބިނާކުރުމާއި، ކާރިސާތަކާއި ބޮޑެތި ނުރައްކާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތުން ބިނާކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ރެކްރޫޓްކުރުމަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމަކީވެސް މި ތަމްރީނުގެ މުހިންމު ބައެކެވެ.
މި ތަމްރީނުގެ ތެރެއިން ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤާއި ސުލޫކުގެ އިތުރުން ލީޑަރޝިޕާއި ހަށިހެޔޮކަމާއި ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދެވޭނެއެވެ. އަދި ބައިވެރިން ބިނާކުރެވިގެންދާނީ އެއްބައެއްވަންތަކަމާއެކު މަސައްކަތްކުރާ، އެކަކު އަނެކަކަށް އިޙުތިރާމުކުރާ، އަދި ރޫޙާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައެވެ.
ތަމްރީނު ފުރިހަމަކުރާ ފަރާތްތަކަށް ދެވޭ ސަނަދުތައް
މި ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް އެކި ދާއިރާތަކުން ޤައުމީ ފެންވަރުގެ ސަނަދުތައް ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް (ތަމްރީނު ފުރިހަމަކުރާ ހުރިހާ ދަރިވަރުންނަށް)
- ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް (މުޤައްރަރުގެ ހުރިހާ މިންގަނޑުތަކެއް ހާސިލްކޮށް ފާސްވާ ދަރިވަރުންނަށް)
- ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ސެޓްފިކެޓް (ފަޔަރ ފައިޓިންގ މޮޑިއުލް އިން ފާސްވާ ދަރިވަރުންނަށް)
- ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް (ފަސްޓް އެއިޑް މޮޑިއުލް އިން ފާސްވާ ދަރިވަރުންނަށް)
- ޕިއަރ އެޑިއުކޭޝަން ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ("އެކުއެކީ" ޕްރޮގްރާމުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް)
ދިވެހި ވަޠަނީ ޚިދުމަތުގެ މި ހަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ޒިންމާދާރު އަދި ޤައުމަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.