ޚަބަރު
ހުޅުމާލެ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރަނީ
ހުޅުމާލެ ރަށު މާރުކޭޓު/ފޮޓޯ: ސަން އޮންލައިން
ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ރަށުމާރުކޭޓުން 09 ގޮޅި ކުއްޔަށް ހިފުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ހައުސިންގް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ، މާރުކޭޓު ގޮޅި ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތްތަށް ކަނޑައެޅިގެންދާނީ އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތަކުން ކަމަށެވެ.
ރަށުމާރުކޭޓު ގޮޅި ކުއްޔަށް ނެގުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ 13 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 8:30 އިން ފެށިގެން، 27 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 15:30 ނިޔަލަށެވެ.
ގުރުއަތުނެގުން އޮންނާނީ 18 ނޮވެމްބަރ 2026ވާ ބުދަ ދުވަހުގެ 13:00 ގައެވެ. އަދި މި ގުރުއަތުލުން ކުރިއަށްދާނީ، އެޗް.ޑީ.ސީ އޮފީސް އިމާރާތުގެ ހުޅަނގުން، އެޗް.ޑީ.ސީ އިމާރާތާއި ފްލެޓް 12 އާއި ދެމެދުގައިވާ ހުސްބިމުގައި ޤާއިމުކޮށްފައިވާ ޓެންޓްގައެވެ.
އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ވެބްސައިޓް https://www.hdc.mv އަދި https://properties.hdc.mvގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް އެކުންފުނީގެ ނަންބަރު 1516 އަށް ގުޅުއްވުމަށް އެޗްޑީސީން އެދެއެވެ.