ޚަބަރު
އިމްރާންގެ މިނިސްޓަރުކަމުގައި 2.9 މިލިއަން ރުފިޔާ، ނެތް އިމާރާތެއް ތަޅާލަން ދޫކުރި
ޝެއިހު އިމްރާން އަބުދުﷲ - ފޮޓޯ: ސަން އޮންލައިން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ހޯމް މިނިސްޓަރު ކަމުގައި ޝައިޚް އިމްރާން އަބްދުﷲ ހުންނެވި ދުވަސްވަރު، މާފުށީ ޖަލުގައި ވުޖޫދުގައިވެސް ނެތް އިމާރާތެއް ތަޅާލި ކަމަށް ބުނެ ދައުލަތުގެ ބަޖެޓުން 2.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކ. މާފުށީ ޖަލުގައި 50 ގޮޅީގެ ހައި ސެކިއުރިޓީ ވިންގަކާއި 18 ގޮޅި އަދި ސެކިއުރިޓީ ޕޯސްޓެއް އެޅުމަށް ހިންގި މަޝްރޫއަކީ އެއްވެސް ބިޑް ކުރުމެއް ނެތި ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތް އަވަހަށް ނިންމުމުގެ ނަމުގައި 45 މިލިއަން ރުފިޔާއަށް ހަވާލުކުރީ ފުލުހުންގެ ކުންފުނި ޕޮލްކޯއާއެވެ. ނަމަވެސް، ޕޮލްކޯއިން ވަނީ އެއްވެސް އުސޫލެއް ނެތި މި މަޝްރޫއު "ވީ އަވާ އިންވެސްޓްމަންޓް" ކިޔާ އަމިއްލަ ކުންފުންޏަކަށް ސަބް-ކޮންޓްރެކްޓް ކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައިވާގޮތުން، 50 ގޮޅީގެ ވިންގު އަޅާ ސަރަހައްދުގައި ހުރި އިމާރާތެއް ތަޅާލައި ބިން ސާފުކުރުމުގެ އަގުގެ ގޮތުގައި 2,920,082 ރުފިޔާ ބީއޯކިއުގައި ހިމަނައި، ހޯމް މިނިސްޓްރީން އެ ފައިސާ ޕޮލްކޯއަށް ދޫކޮށްފައިވުމެވެ. އެހެންނަމަވެސް، އެ މަސައްކަތް ހަވާލުކުރުމުގެ ކުރިން ޖެނުއަރީ 20، 2022 ގައި ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި އެ ސަރަހައްދުގައި އެއްވެސް ޒާތެއްގެ އިމާރާތެއް ނެތެވެ. އެހެންކަމުން، މިއީ ދުވަހަކުވެސް ކޮށްފައިނުވާ މަސައްކަތަކަށް ދައުލަތުގެ ބަޖެޓުން ނަހަމަ ގޮތުގައި ދޫކޮށްފައިވާ ފައިސާއެއް ކަމަށް އޮޑިޓުން ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން، އެއް މަޝްރޫއެއްގެ ތެރޭގައި ހިމެނޭ އެއްގޮތް މަސައްކަތްތަކަށް އަގު ބޮޑުކޮށްފައިވާކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން:
- ލީން ކޮންކްރީޓް އެޅުން: 18 ގޮޅީގެ ބައިގައި ކޮޑިމީޓަރަކަށް 8,500 ރުފިޔާ ޖަހާފައިވާއިރު، 50 ގޮޅީގެ ބައިގައި ހަމަ އެ މަސައްކަތަށް 14,000 ރުފިޔާ ޖަހައި، 238,804 ރުފިޔާގެ ފަރަގެއް އުފައްދާފައިވެއެވެ.
- ކޮލަމް ކޮންކްރީޓް ކުރުން: ދަގަނޑުގެ ބޯމިނުގައި އެއްވެސް ތަފާތެއް ނެތް ނަމަވެސް، 18 ގޮޅީގެ މަސައްކަތަށް ކޮޑިމީޓަރަކަށް 13,000 ރުފިޔާ އަދި 50 ގޮޅީގެ މަސައްކަތަށް 20,904 ރުފިޔާ ވަނީ ހިމަނާފައެވެ.
- ފައުންޑޭޝަނާއި ބިން ކޮނުން: ކުރެހުމަށް ވުރެ ކުޑަ ސައިޒެއް ބީއޯކިއުގައި ހިމަނައި އަގު ބޮޑުކުރުމުގެ ސަބަބުން 97,258 ރުފިޔާ އިތުރުކޮށްފައިވާއިރު، ބިން ކޮނުމުގެ އަގަށް ވެސް 46,947 ރުފިޔާ އިތުރަށް އަޅާފައިވެއެވެ.
- މި މަޝްރޫއުގެ ތެރެއިން 18 ގޮޅީގެ މަސައްކަތް ނިންމި ނަމަވެސް، 50 ގޮޅީގެ މަސައްކަތް ފުރިހަމަ ނުވަނީސް ފައިސާ ނުލިބޭ ކަމަށް ބުނެ 2024 ވަނަ އަހަރު ކޮންޓްރެކްޓަރު ވަނީ މަސައްކަތް އެއްކޮށް ހުއްޓާލާފައެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް ހިންގާފައިވާ މި އަމަލުތަކާ ގުޅިގެން، ނުކުރާ މަސައްކަތަކަށް ދެއްކި 2.9 މިލިއަން ރުފިޔާ ކޮންޓްރެކްޓަރުގެ އަތުން އަނބުރާ ހޯދުމަށް އޮޑިޓަ ޖެނެރަލް ވަނީ އަންގަވާފައެވެ. އަދި މި މައްސަލައިގައި ކޮރަޕްޝަނާއި ޚިޔާނާތް ހިމެނޭތީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން ތަހުގީގު ހިންގުމަށާއި، މިކަމުގައި އިހުމާލުވި ހުރިހާ ފަރާތްތަކަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.