Ads by Farudhun

ޚަބަރު

ބޭސްފަރުވާއަށް ޑޮލަރު ދޫކުރުން ހަރުދަނާކޮށް، ޑޮލަރު ދެން ވިއްކާނީ 6 ގައުމަކަށް

ބޭސްފަރުވާއަށް ޑޮލަރު ދޫކުރުން ހަރުދަނާކޮށް، ޑޮލަރު ދެން ވިއްކާނީ 6 ގައުމަކަށް

އެމްއެމްއޭ - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

13 އޮކްޓޯބަރު 2026، 02:58

13 އޮކްޓޯބަރު 2026، 02:58

ދިވެހިރާއްޖެއިން ބޭރަށް އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް ވިއްކާ 1،000 އެމެރިކާ ޑޮލަރު ދޫކުރުމުގެ އުސޫލު އިތުރަށް ހަރުދަނާކޮށް، ދިވެހިން ޢާންމުކޮށް ބޭސްފަރުވާއަށް ގޮސްއުޅޭ މައިގަނޑު 6 ޤައުމަކަށް އެކަނި ޑޮލަރު ވިއްކާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، އަލަށް ގެނައި މި އިޞްލާޙާއެކު އަމިއްލަ ޚަރަދުގައި ފަރުވާ ހޯދަންދާ ފަރާތްތަކަށް 1،000 ޑޮލަރު ދޫކުރާނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ، ސިންގަޕޫރު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރުކުރާ ފަރާތްތަކަށް އެކަންޏެވެ. އެމްއެމްއޭއިން ބުނީ މިގޮތަށް އުސޫލު ބަދަލުކުރަން ނިންމީ ބޭސްފަރުވާގެ ބޭނުމަށް ރައްޔިތުންނަށް ދޫކުރާ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ ފައިސާއެއްކަން ކަށަވަރުކުރުމުގެ މަޤްޞަދުގައެވެ.

މި އުސޫލުގެ ދަށުންވެސް އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދާ މީހުންނަށް ކުރިއެކޭ އެއްފަދައިން ބޭންކުތައް މެދުވެރިކޮށް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ. އަދި އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ފަރުވާއަށްދާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ 2،000 އެމެރިކާ ޑޮލަރު، އެއްވެސް ބަދަލެއް ނެތި ކުރިއެކޭވެސް އެއްގޮތަށް ލިބެމުންދާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއިން ބޭރަށް ފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އާސަންދައިގެ ދަށުން ދާ ފަރާތްތަކަށް 2،000 ޑޮލަރާއި އަމިއްލަ ޚަރަދުގައި ދާ ފަރާތްތަކަށް 1،000 ޑޮލަރު ވިއްކަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެންނެވެ. ނަމަވެސް، މި ލުޔާއެކު ފާއިތުވި އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި މި ބޭނުމަށް ދޫކުރާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ. ވޭތުވެދިޔަ އަހަރު މި ބޭނުމަށް މުޅި ޖުމްލަ ވިއްކާފައިވަނީ 18.51 މިލިއަން ޑޮލަރު ކަމަށްވާއިރު، މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނަ އިތުރު ޢަދަދެކެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ޢަދަދެއް ޚަރަދުވެފައިވަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދިޔަ ފަރާތްތަކަށެވެ. އެގޮތުން މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް އެކަނިވެސް އަމިއްލަ ޚަރަދުގައި ދިޔަ މީހުންނަށް 29.2 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ.

އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ޢަދަދު ތިން ގުނައަށް އުފުލިގެން ދިއުމަކީ، ޞިއްޙީ ފަރުވާގެ ނަމުގައި ނަގާ ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ކަންބޮޑުވުން އުފެދުނު މައިގަނޑު ސަބަބެވެ. އެހެންކަމުން، މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހިމާޔަތްކުރުމަށާއި، އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ޙަޤީޤަތުގައިވެސް ބޭސްފަރުވާއަށް ބޭނުންޖެހިފައިވާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ޑޮލަރު ކަށަވަރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450