Ads by Farudhun

ޚަބަރު

ކާރިސާތަކުން ރައްކާތެރިވުމަށް ޤައުމީ ފެންވަރުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަނީ

ކާރިސާތަކުން ރައްކާތެރިވުމަށް ޤައުމީ ފެންވަރުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަނީ

ރަށެއްގައި ފެންބޮޑުވެފައި... ފޮޓޯ؛ އޭދަފުށިޓައިމްސް

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

13 އޮކްޓޯބަރު 2026، 03:52

13 އޮކްޓޯބަރު 2026، 03:52

މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހެވެ.

 ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެން.ޑީ.އެމް.އޭ އިން ވިދާޅުވީ، މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ވިލުންތެރިކަން ފެށެނީ އަމިއްލަ ގޭބިސީން" ކަމަށެވެ.

އެން.ޑީ.އެމް.އޭ އިން ދަނީ ރައްކާތެރި އަދި ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ދުވަހުގެ މުނާސަބަތުގައި އެން.ޑީ.އެމް.އޭގެ އަޒުމަކީ، ކާރިސާތަކަށް ތައްޔާރުވެފައިވާ، ވިލުންތެރި ޤައުމެއް ބިނާކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުން ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިލުންތެރި ރާއްޖެއެއް ބިނާކުރުމުގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެމަތިން، ޤައުމީ ފެންވަރުގައި ކާރިސީ ހިރާސްތައް ކުޑަކުރުމަށްޓަކައި އެން.ޑީ.އެމް.އޭ އިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.



މި ގޮތުން ކުރަމުންދާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި މެނޭޖްކުރުމުގެ އިސްތިރާޖީ ޕްލޭންތައް އެކުލަވާލުމާއި، ކާރިސާގެ ނުރައްކަލުގެ އެލަރޓް ކުރިއާލާ އެންމެންނަށް ލިބޭނެ މަގުޗާޓެއް އެކުލަވައިލުން ހިމެނެއެވެ. މީގެ އިތުރުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ގެއްލުންތައް ވަޒަންކުރުމާއި މުޖުތަމައުގެ ފެންވަރުގައި ވިލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކަކީވެސް އެން.ޑީ.އެމް.އޭ އިން އިސްކަންދޭ ކަންކަމެވެ.

މި މަސައްކަތްތަކުގެ މައިގަނޑު އެއް ބޭނުމަކީ ރަށްރަށުގެ ފެންވަރުގައި ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކޮށް، ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން އަމަލީ ސިފައެއްގައި ތަންފީޒުކޮށް، ދިވެހިންގެ އާއިލާތަކާއި، ގެދޮރާއި، މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ކާރިސާތަކުން އަރައިގަތުމުގެ ވިލުންތެރިކަން ފެށެނީ، ކުރިމަތިވެދާނެ ނުރައްކާތައް ކުރިއާލާ ދެނެގަނެ، ގޭބިސީތައް އެކަމަށް ތައްޔާރުވެ، ކާރިސާއެއް ދިމާވުމުގެ ކުރިން އަމަލުކުރާނެ ގޮތުގެ ބާރުވެރިކަން މުޖުތަމައަށް ލިބިގެނެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، މިއަށްވުރެ ރައްކާތެރި، ވަރުގަދަ އަދި ވިލުންތެރި ރާއްޖެއެއް ބިނާކުރެވޭނެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450