ޚަބަރު
ދައުލަތަށް ނުލިބިހުރި 623 މިލިއަން ރުފިޔާ މީރާއިން ހޯދައިފި
މީރާ. ފޮޓޯ: ޕީއެސްއެމް
ޓެކުހާއި އެކި ފީތަކުގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ހޯދާފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކުރި ސެޕްޓެންބަރު މަހުގެ އާމްދަނީގެ ރިޕޯޓުގައިވާ ގޮތުން، ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ނޯޓިސް ފޮނުވައިގެންނެވެ. އެގޮތުން ނޯޓިސް ފޮނުވައިގެން 395 މިލިއަން ރުފިޔާ ހޯދާފައިވާއިރު، އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 123 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 87 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މީގެ އިތުރުން ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 10 މިލިއަން ރުފިޔާ އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން 8 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. ނަމަވެސް، އެކި ފަރާތްތަކުން ދައުލަތަށް އަދިވެސް ނުދައްކާ ހުރި ފައިސާގެ ޖުމްލަ އަދަދު 14 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
މިދިޔަ ސެޕްޓެންބަރު މަހު މީރާއިން ބަލައިގަނެފައިވާ ޖުމްލަ އާމްދަނީ އަކީ 2.69 ބިލިއަން ރުފިޔާއެވެ. މިއީ އެ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ %12.7 އިތުރު އަދަދެކެވެ. ވޭތުވެދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅައިބަލާއިރު މިއީ %10.7 ގެ ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ ހަމައަށް ބަލައިގަތް ޖުމްލަ އާމްދަނީއާ އަޅައިބަލާއިރު މިއީ %8.9 ގެ ކުރިއެރުމެކެވެ. ސެޕްޓެންބަރު މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 126.81 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ސެޕްޓެންބަރު މަހުގެ އާމްދަނީ އަންދާޒާކުރި ވަރަށްވުރެ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީއާއި ރިޒޯޓުތަކުގެ ކުލީގެ އިތުރުން ކޯޕަރޭޓް އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. ހާއްސަކޮށް، ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %18 އިތުރުވުމާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) އާއި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އަދަދު ވަނީ އަންދާޒާކުރި މިންވަރަށްވުރެ މައްޗަށް ގޮސްފައެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެންބަރު މަހު ލިބުނު އާމްދަނީގެ %15.8 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި ޖުމްލަ އާމްދަނީގެ %17.4 ހިއްސާކުރަނީ ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު އަދަދެވެ. މިއާއެކު، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 28 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 1.2 ބިލިއަން ޑޮލަރު ހިމެނެއެވެ.