ޚަބަރު
މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގުތަކަށް ބަދަލު ގެނެސްފި
ދޮށީގެ މަސްވެރިކަން ކުރަނީ - ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ކަޅުބިލަމަސް ގަންނަ އަގުތަކަށް މިއަދު ބަދަލު ގެނެސްފިއެވެ.
އެގޮތުން މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މިއަދު މަސް ގަންނަނީ ތިން ރޭޓެއްގައި ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެއީ:
- 1 – 5 ޓަނާ ދެމެދު ކިލޯއެއް: 21.00 ރުފިޔާ
- 5 – 8 ޓަނާ ދެމެދު ކިލޯއެއް: 22.00 ރުފިޔާ
- 8 ޓަނަށްވުރެ މަތި: 22.75 ރުފިޔާ
މި ރޭޓުން މިއަދު މަސްގަންނަމުންދަނީ، ގދ.ތިނަދޫ ބަނދަރުންނާއި، ޅ.ފެލިވަރު ބަނދަރުންނާއި، ހއ.އިހަވަންދޫ ބަނދަރުންނާއި، ލ.ހިތަދޫ ބަނދަރުންނާއި، މ.މުލަކު ބަނދަރުންނެވެ.
މިއީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނަ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއްކަން މިފްކޯއިން ފާހަގަކުރައްވައެވެ.
މިގޮތުން މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުމަށް މިފްކޯއިން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖްމަންޓުން ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންދަވަނީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރައްވައި، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއިފަސޭހަ މަގުތަކެއް ހޯއްދަވައިދެއްވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މިގޮތުން، މަސްވެރިން ކިރާ މަހަށް ވީ އެންމެ އަވަހަކަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، މިހާރު 48 ގަޑިއިރު ހަމަވުމުގެ ކުރިން ފައިސާ ދޫކުރެވެމުންދެއެވެ.