Ads by Farudhun

ޚަބަރު

ފުށްގިރީގެ މައްސަލައިގައި ރައީސް ޔާމީނަށް ޙުކުމް ކުރުން މި މަހުގެ 29 އަށް ތާވަލުކޮށްފި

ފުށްގިރީގެ މައްސަލައިގައި ރައީސް ޔާމީނަށް ޙުކުމް ކުރުން މި މަހުގެ 29 އަށް ތާވަލުކޮށްފި

ރައީސް ޔާމީން ކުރީގެ އަޑުއެހުމެއްގައި---

farudhun logo

ފަރުދުން

13 އޮކްޓޯބަރު 2026، 10:34

13 އޮކްޓޯބަރު 2026، 10:34

ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޙުކުމް އިއްވުން މި މަހުގެ ފަހުކޮޅަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

މި މައްސަލައަކީ ފުށްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކޮށް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއެކެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދެފަރާތުން ޚުލާސާ ބަޔާން އިއްވައި މައްސަލައިގެ އަޑުއެހުންތައް ވަނީ އެއްކޮށް ނިންމާލާފައެވެ. މި މައްސަލަ ބައްލަވާ ޤާޟީ ޢަލީ ނަދީމް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިޢުލާން ކުރެއްވި ގޮތުގައި، މި މައްސަލައިގެ ޙުކުމް އިއްވުން އޮންނާނީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ދިފާއީ ބަޔާނުގައި ވިދާޅުވެފައިވަނީ، އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބިވަޑައިގެންނެވި ސައްޙަ ފައިސާ ކަމަށެވެ. ނަމަވެސް، ދައުލަތުގެ ވަކީލުން ވިދާޅުވީ އެ ފައިސާއަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރައްވައި ނުފޫޒު ފޯރުވައިގެން ހޯއްދަވާފައިވާ ފައިސާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ އަމަލުތަކަކީ ޔާމީން އަންގަވައިގެން ކުރިއަށް ގެންގޮސްފައިވާ ކަންކަން ކަމަށް ދައުލަތުން ތަކުރާރުކޮށް ފާހަގަކުރިއެވެ.

ފުށްގިރި މައްސަލައިގައި ވެސް ޔާމީނާ ދެކޮޅަށް ދައުލަތުން މައިގަނޑު ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތެވެ. ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވަނީ އެ ދެ ބޭފުޅުންގެ ހެކިބަހުގެ އިތުބާރާއި ސައްޙަކަމާމެދު ސުވާލު އުފައްދަވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، އަދީބަށް އަދަބު ލުއިކޮށްދިނުމަށް ދައުލަތުން ވެފައިވާ އެއްބަސްވުމަކީ، އެ މަނިކުފާނާ ދެކޮޅަށް ބަޔާން ހޯދުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީންގެ ދިފާޢީ ވަކީލު ޙަމްޒާ ލަޠީފު ވިދާޅުވީ، އަދީބާއި ޒިޔަތު ހެކިބަސް ދެއްވާފައިވަނީ ދައުލަތާއެކު އެއްބަސްވުމެއްގެ ދަށުގައި ތިއްބަވައިގެން ކަމަށެވެ. އަދި އެއީ އެ ދެ މީހުންނަށް ދައުލަތުގެ ރުހުން އޮތް މިންވަރަކުން އެކި ކަހަލަ ލުއިތަކާއި މަންފާތައް ފަހިވަމުންދިޔަ ހާލަތެއްގައި ދީފައިވާ ހެކިބަސްތަކެއް ކަމަށްވާތީ، އެ ހެކިބަހުގެ މައްޗަށް ބުރަވެ ޙުކުމެއް ނުނެރެވޭނެ ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.

ފުށްގިރީގެ މައްސަލައިގެ ޝަރީއަތް ނިމުމަކާ ގާތްވެފައިވާއިރު، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ޚިޔާނާތުގެ މައްސަލައިގެ ޝަރީއަތް ވެސް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450