ކުޅިވަރު
ނޯވޭގެ ވައިކިންސްއިން ބެޔާން ހިފަހެއްޓިއިރު، މެސީގެ ރެކޯޑެއް ކޭން މުގުރާލައިފި
ބެޔާންގެ ހެރީ ކޭން ގޯލަށް ބޯޅަ ފޮނުވާލަނީ / ފޮޓޯ: ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ނޯވޭގެ ޗެމްޕިއަން ވައިކިންގްސް އެފްސީން މޮޅު ކުޅުމެއް ދައްކައި، ޔޫރަޕްގެ ގަދަބާރު ބަޔާން މިއުނިކާ އެއްވަރުކޮށްފިއެވެ. މި މެޗުގައި ބަޔާންގެ ތަރި ހެރީ ކޭން ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީގެ ރެކޯޑެއް ވެސް މުގުރާލާފައެވެ.
1992-93 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ވާދަކުރާ ވައިކިންގްސްއަކީ 2018 ވަނަ އަހަރާ ހަމައަށްވެސް ނޯވޭގެ ދެވަނަ ޑިވިޝަނުގައި ކުޅުނު ޓީމެކެވެ. ނަމަވެސް، 6 ފަހަރުގެ ޔޫރަޕްގެ ޗެމްޕިއަން ބަޔާންއާ ދެކޮޅަށް ކުޅުނު މި މެޗު ފެށިގެން އެންމެ 71 ސިކުންތުގެ ތެރޭގައި ޖިއާނީ ސްޓެންސްނެސް ވަނީ ކޯނަރަކުން ލިބުނު ފުރުސަތެއްގައި، ބޮލުން ގޯލެއް ޖަހައި ވައިކިންގްސްއަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ޕީޓާ ކްރިސްޓިއަންސެން ވަނީ ކައުންޓަރ އެޓޭކެއްގައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިންނާއި ދެވަނަ ހާފުގެ ކުރީކޮޅު، އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ ޕެނަލްޓީއަކުންނާއި ބޮލުން ޖެހި ލަނޑަކުން މެޗުގެ ނަތީޖާ ބަޔާންއަށް ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން ލުއިސް ޑިއާޒް ވަނީ ލަނޑެއް ޖަހައި ބަޔާންއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ.
މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ބަޔާންގެ މައިކަލް އޮލީސޭއަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. އެއް ހަމަލާއެއްގެ ތެރޭގައި ވައިކިންގްސްގެ ކުޅުންތެރިއެއްގެ މޫނުމައްޗަށް ބޯޅަ އެއްލުމުންނާއި ކުރި ފައުލަކާ ގުޅިގެން ދެއްކި ދެ ރީނދޫ ކާޑާއެކު އޭނާއަށް ދެއްކި ރަތް ކާޑުގެ ފައިދާ ނަގައި، ވައިކިންގްސްއިން މެޗު ކޮންޓްރޯލް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހާމަން ހައުގަން ވަނީ ލަނޑެއް ޖަހައި ވައިކިންގްސްއަށް މި މެޗުން ޕޮއިންޓެއް ކަށަވަރުކޮށްދީފައެވެ.
މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު، އުމުރުން 30 އަހަރު ފުރުނު ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު 40 މެޗުން ހެރީ ކޭން ވަނީ 36 ލަނޑު ހަމަކޮށްފައެވެ. އެހެންކަމުން 30 އަހަރުން މަތީގެ ކުޅުންތެރިއަކު މި މުބާރާތުގައި ޖެހި އެންމެ ގިނަ ލަނޑުގެ ގޮތުގައި މެސީ ހަދާފައިވާ 35 ލަނޑުގެ ރެކޯޑު ކޭން މިވަނީ މުގުރާލާފައެވެ. މީގެއިތުރުން 33 އަހަރުގެ ކޭން ވަނީ ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގެ 9 މެޗުގައި ލަނޑު ޖަހައިފައެވެ. މި ޝަރަފު މީގެ ކުރިން ހޯދާފައިވަނީ ރޫޑް ވެން ނިސްޓެލްރޫއީ، ރޮބަޓް ލެވަންޑޯސްކީ އަދި 11 މެޗާއެކު ރެކޯޑު އޮތް ކްރިސްޓިއާނޯ ރޮނާލްޑޯ އެކަންޏެވެ.
މެޗަށްފަހު ވާހަކަދައްކަމުން ވައިކިންގްސްގެ ކެޕްޓަން ޒްލަޓްކޯ ޓްރިޕިކް ބުނީ، ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް 2-0 ގެ ލީޑެއް ނަގައި، މިފަދަ ނަތީޖާއެއް ހޯދުމަކީ 34 އަހަރުގެ އިންތިޒާރަށްފަހު ލިބުނު ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ.
ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ މެޗަށްފަހު ބުނީ މެޗު ކޮންޓްރޯލް ކުރި ނަމަވެސް، އިދިކޮޅު ޓީމަށް ލިބުނު ކޮންމެ ފުރުސަތެއް ގޯލަކަށް ހެދި ކަމަށާއި، އޮލީސޭ ހެދި ގޯހަކުން ޓީމު އެއްކޮށް އަޑިއަޅާލީ ކަމަށެވެ.
މި މުބާރާތުގައި އަންނަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ބަޔާން އަމިއްލަ ދަނޑުގައި ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. އެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން އޮލީސޭއަށް ނުކުޅެވޭނެއެވެ. އަދި އެރޭ ވައިކިންގްސް ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.