ކުޅިވަރު
ޓްރެސޯލްޑީ ހެދި ހެޓްރިކާއެކު ބުރޫޖުން އިންޓަރ މިލާން ބަލިކޮށްފި
ލަނޑު ޖެހުމަށްފަހު ޓްރެސޯލްޑީ އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ނިކޯލޯ ޓްރެސޯލްޑީ ހެދި ހެޓްރިކާއެކު، ވާދަވެރި ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން ކްލަބް ބުރޫޖުން އިންޓަ މިލާން ބަލިކޮށްފިއެވެ. މިއީ އިންޓަ މިލާންގެ ތާރީހުގައި ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން އެ ޓީމު ބަލިވި ހަތަރުވަނަ މެޗެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ޖުމްލަ ހަތް ލަނޑު ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ފެނުނީ މެޗުގެ 30 ވަނަ މިނެޓުގައެވެ. ރެފްރީ ރޯހިތު ސައްގީ ބުރޫޖަށް ދިން ޕެނަލްޓީއަކުން، ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓްރެސޯލްޑީއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ދަނިކޮށް، އިންޓަރގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހަށްފަހު ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
ދެވަނަ ހާފު ފެށިގެން އިންޓަރގެ ކީޕަރު ޖޮސެޕް މާޓިނޭޒް ހެދި ގޯހެއްގެ ފައިދާ ނަގައި، ޓްރެސޯލްޑީ ވަނީ ހުސް ގޯލަކަށް ބޯޅަ ފޮނުވާލައިގެން ބުރޫޖަށް އަލުން ލީޑު ނަގައިދީފައެވެ. އަދި އޭގެ 11 މިނެޓު ފަހުން، ކީޕަރު މާޓިނޭޒް ދިފާއުކުރި ބޯޅައެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެން ޓްރެސޯލްޑީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.
މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް، އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި ލައުޓާރޯ މާޓިނޭޒް އިންޓައަށް އުންމީދެއް ހޯދައިދިނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިގެންނެވެ. އެހެންނަމަވެސް، މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ރޮމެއޯ ވަރމަންޓް ޖެހި ލަނޑުން ބެލްޖިއަމްގެ ބުރޫޖުން އަނެއްކާވެސް ދެ ލަނޑުގެ ލީޑެއް ނެގިއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 93 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިންޓަރގެ އަންޖޭ-ޔޯއާން ބޮނީ ވަނީ ވާތްފަރާތުން ބޯޅަ ހިފައިގެން ގޮސް މޮޅު ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް މެޗު ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން ބުރޫޖް މޮޅުވެގެންނެވެ.