ޚަބަރު
ބާރަށުގެ "ހެލްތް ކެއަރ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ" މިމަހު އޮޕަރޭޝަނަށް ގެންނަނީ
ބާރަށުގެ "ހެލްތް ކެއަރ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ". ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ
ހއ. ބާރަށުގައި ސިއްޙީ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތިމާވެއްޓާއި ސިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ޤާއިމުކުރި "ހެލްތް ކެއަރ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ" މި ހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ހަމަޖެހިއްޖެއެވެ.
މި މަޝްރޫޢަކީ ސިއްޙީ ފަރުވާދޭ ތަންތަނުން އުފެދޭ ނުރައްކާތެރި ކެމިކަލްތަކާއި ކުނި، ތިމާވެއްޓަށް ގެއްލުން ނުވާނޭހެން ރައްކާތެރި ގޮތުގައި ނައްތާލުމުގެ މަޤްޞަދުގައި ތަރައްޤީކޮށްފައިވާ މުހިންމު ފެސިލިޓީއެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ "އެލިމިނޭޓިންގް ޕޮޕްސް" މަޝްރޫޢުގެ ދަށުން ޤާއިމުކުރެވިފައިވާ މި މަރުކަޒުގައި ޒަމާނީ ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ.
އެގޮތުން، ސިއްޙީ ކުނި ރައްކާތެރިކަމާއެކު ސްޓެރިލައިޒްކޮށް (ޖަރާސީމު ނައްތާލައި)، އޭގައި ހިމެނޭ ވިހަ އަދި ނުރައްކާތެރި މާއްދާތައް ވެއްޓަށް ބޭރުވިޔަނުދީ ނައްތާލުމަށް ބޭނުންވާ ޒަމާނީ އޮޓޯކްލޭވް މެޝިނާއި އެހެނިހެން ވަސީލަތްތައް އެ ތަނުގައި ވަނީ ގާއިމުކޮށްފައެވެ.
މި ފެސިލިޓީއަކީ ސިއްޙީ ދާއިރާގައި އުފެދޭ ކުނި އަންދާލުމުގެ ބަދަލުގައި، ރައްކާތެރި ޓެކްނޮލޮޖީ ބޭނުންކޮށްގެން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިއީ އެ ވުޒާރާ އާއި ސިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ވެވުނު ފަހުމުނާމާގެ (އެމް.އޯ.ޔޫ) ދަށުން ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެއްކަން ވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
ހ.އ. ބާރަށުގެ ސިއްޙީ ކުނި މެނޭޖްކުރުން ހަރުދަނާކޮށް، ސިއްޙީ ޚިދުމަތްތެރިންނާއި ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން، ނުރައްކާތެރި ކެމިކަލްތަކާއި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށްޓަކައި ގާއިމްކުރި "ހެލްތް ކެއަރ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ" ގެ އަމަލީ މަސައްކަތްތައް މި މަސްތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައި. މިނިސްޓްރީގެ "އެލިމިނޭޓިންގް ޕޮޕްސް" މަޝްރޫޢުގެ ދަށުން ގާއިމުކުރެވިފައިވާ މި ފެސިލިޓީގައި، ސިއްޙީ ކުނި ރައްކާތެރިކަމާއެކު ސްޓެރިލައިޒްކޮށް، އޭގައި ހިމެނޭ ނުރައްކާތެރި މާއްދާތައް ތިމާވެއްޓަށް ބޭރުވިޔަނުދީ ނައްތާލުމަށް ބޭނުންވާ އޮޓޯކްލޭވް މެޝިނާއި ޒަމާނީ ވަސީލަތްތައް ވަނީ ގާއިމްކުރެވިފައި. މި ފެސިލިޓީއަކީ ސިއްޙީ ދާއިރާގައި އުފެދޭ ކުނި މެނޭޖްކުރުން ހަރުދަނާކުރުމަށާއި، މިފަދަ ކުނި އަންދާލުމުގެ ބަދަލުގައި ރައްކާތެރި ޓެކްނޮލޮޖީ ބޭނުންކޮށްގެން ނުރައްކާތެރި ކެމިކަލްތަކުން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ސިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ވެވުނު ފަހުމުނާމާގެ ދަށުން ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެއް.
— Min. of Climate Change, Environment and Energy, MV (@MoEnvmv) October 13, 2026
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، އެ ފެސިލިޓީގެ އޮޕަރޭޝަންތައް މި މަހު ފެށުމާއެކު، ބާރަށުގެ އިތުރުން އެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން އުފެދޭ ނުރައްކާތެރި ކުނި އެންމެ އެދެވޭ އަދި ރައްކާތެރި މިންގަނޑުތަކުގެ ތެރެއިން ނައްތާލެވިގެންދާނެ ކަމަށެވެ.