ޚަބަރު
ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކާއި މާހައުލާބެހޭ މައުލޫމާތުތަކުގެ ދިރާސާ ހިއްސާކޮށްފި
ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކާއި މާހައުލާބެހޭ މައުލޫމާތުތަކުގެ ދިރާސާ ހިއްސާކުރުން. ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ފުން ހިސާބުތައް ސާވޭކޮށް އެ ހިސާބުތަކުގެ ދިރުންތަކާއި މާހައުލާބެހޭ މައުލޫމާތުތަކުގެ ދިރާސާ ހޯދުންތައް އާންމުންނާ ހިއްސާ ކުރުމަށް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި، އިނގިރޭސި ވިލާތުގެ ނެކްޓަން ފައުންޑޭޝަންއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
"ނެކްޓަން ފަސްޓް ޑިސެންޓް: މޯލްޑިވްސް"ގެ ހޯދުންތައް ހިއްސާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައި ކުރިއަށް ގެންދިޔަ އިވެންޓު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގޭ ޤައުމީ ޔުނިވާރސިޓީގެ ޗާންސެލަރ ޑރ. މަހަމޫދު ޝައުޤީއެވެ.
މި އިވެންޓަކީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި ކަނޑުތަކާ ބެހޭ ދިރާސާތައް ކުރާ އިނގިރޭސި ވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ނެކްޓަން ފައުންޑޭޝަން އާއި ގުޅިގެން، 2022ގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ދިވެހިރާއްޖޭގެ ހަ އަތޮޅެއްގެ (މާލެ، ވާވު، ލާމު، ހުވަދޫ، އަދި އައްޑު) ކަނޑުއަޑީގެ ފުން ހިސާބުތަށް ސާރވޭކޮށް، އެ ހިސާބުތަކުގެ ދިރުންތަކާއި މާހައުލާބެހޭ މައުލޫމާތު ނެގުމަށް، ފުރަތަމަ ފަހަރަށް ކުރެވުނު ދިރާސާ މަސައްކަތުގެ އަލީގައި މިހާތަނަށް ޝާއިރުކުރެވިފައިވާ ދިރާސާ ހޯދުންތައް އަދި އެއްކުރެވުނު މައުލޫމާތައް ބިނާކޮށް ކުރެވެމުންދާ އިތުރު މަސައްކަތްތައް އާންމުންނާ ހިއްސާ ކުރުމަށް ބޭއްވުނު އިވެންޓެކެވެ.
މި އިވެންޓްގައި ދިރާސާ އެކްސްޕެޑިޝަން ރޭވުމުގައާއި ދިރާސާ މަސައްކަތް ކުރުމަށް ހިންގުނު އޮޕެރޭޝަންތަކާއި، ކަނޑުއަޑީގެ ފުން ހިސާބުތަކަށް ސާރވޭކުރުމަށް ބޭނުން ކުރެވުނު ޓެކްނޮލޮޖީތަކާ ބެހޭ މައުލޫމާތު ވަނީ ދީފައެވެ. އަދި އެކްސްޕެޑިޝަން ހިނގައި ދިޔަ އިރު ކުރެވުނު މަސައްކަތްތަކަށް ބިނާކޮށް ކުރު ފިލްމް ކްލިޕްތަކެއް ވެސް ވަނީ ދައްކާލާފައެވެ.
މީގެ އިތުރުން، މިހާތަނަށް ހޯދުނު މައިގަނޑު ނަތީޖާތަކާއި، ޝާއިރުކުރެވުނު ދިރާސާތަކާއި، އަދި މިސާރވޭ އެކްސްޕެޑިޝަންގައި ނެގުނު މައުލޫމާތުތަކަށް ބިނާކޮށް ކުރެވެމުންދާ އެކިއެކި އެނަލިސިސްތަކާ ބެހޭ މަޢުލޫމާތާއި ކަނޑުއަޑީގެ ފުން ހިސާބުތަކުގެ ދިރުންތަކާއި ބެހޭ ގައިޑެއް ވެސް ވަނީ ހުށަހަޅާފައެވެ. އަދި މި ދިރާސާ މަސައްކަތުގައި ނެގުނު ސްޕެސިމެންސްތައް ދެނެގަތުމަށް މިހާތަނަށް ކުރެވުފައިވާ މަސައްކަތްތަކާއި ބޭއްވުނު ވޯކްޝޮޕްތަކާއި އެމަސައްކަތްތަކުގެ ހޯދުންތަކުގެ މައުލޫމާތުތައް ވެސް ހިއްސާ ކުރިއެވެ.