ޚަބަރު
ސްޕޯޓްސް ކާރު ދުއްވި މީހާގެ ވަނަވަރު އާންމުކޮށްފި
ބާރު ސްޕީޑުގައި ސްޕޯޓްސް ކާރު ދުއްވު މީހާ
ފަރުދުން
06 ސެޕްޓެމްބަރު 2024، 07:32
06 ސެޕްޓެމްބަރު 2024، 07:32
ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާ އެކްސިޑެންޓްވި ސްޕޯޓްސް ކާރު ދުއްވި މީހާގެ ވަނަވަރު ހާމަކޮށްފިއެވެ.
މި މައްސަަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ ވައިލެޓްފެހި މުޙައްމަދު ވިސާމް ސިދުގީ، 26 އެވެ. ފުލުހުން ބުނި ގޮތުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލަކުން ޖެހުނު އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:48 ގަ އެވެ.
ސްޕޯޓްސް ކާރަކުން ޖެހި ޒުވާނަކު ރޭ ދަންވަރު ނިޔާވެފައިވާއިރު، އެ ކާރު ދުއްވި މީހާ އަކީ ލައިސެންސް ނެތް މީހެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެ ހާދިސާގައި އަނިޔާވީ ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ޙަސަން ސަމާޙަށެވެ. އެކަމަކު އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ގިނަ އިރުތަކެއްނުވެ އޭނާ ވަނީ ނިޔާވެފަ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަމާހު އަކީ ރޭ ދަންވަރު ހުޅުމާލޭގައި ބޭއްވި ޓީއެފްޖީ މެރަތަންގައި ބައިވެރިވާން މާލެ އައިސް އުޅުނު ޒުވާނެކެވެ. އެކްސިޑެންޓް ހިނގާފައިވަނީ މެރަތަން އޮންނަ ސަރަަހައްދަށް ސައިކަލުގައި ބައެއް ރައްޓެހިން ގެންގޮސްދިނުމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.
މީގެ ކުރިން ވެސް ބާރަށް ދުއްވި ކާރަކުން ސައިކަލެއްގައި ޖެހި ސައިކަލްގައި އިން މީހަކުވަނީ މަރުވެފަ އެވެ. އަދި ހުޅުމާލެ ފޭސް 2 ގައި ވެސް ސްޕޯޓްސް ކާރެއް ބާރު ސްޕީޑުގައި ގޮސް މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ. އެންމެ ފަހުން މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.
މިކަމާގުޅިގެން ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން ގާނޫނަށް ބަދަލު ގެންނަން ރައީސް ޑރ މުޙައްމަދު މުޢިއްޒު މިހާރުވަނީ ކަމާގުޅުންހުރި އިދާރާތަކަށް އަންގާފައެވެ.