ޚަބަރު
ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުން. ފޮޓޯ: ފުލުހުން
މާލޭގެ ގަލޮޅުގައި ހުންނަ އެޕާޓްމަންޓަކަށް ވަދެ، ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލައިގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވެއެވެ.
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު 2 މީހުން:
ގ. ޤަޞްރު / ކ. މާލެ، ޠަލާލް މުޙައްމަދު (41އ)
ނައިޓްރޯސް / މ. މުލި، އަޙްމަދު ޢުބައިދު (46އ)
މި ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ، 2026 އޮކްޓޫބަރު 8 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެގަނެ، އެތަނުގައި ތިބި މީހުން ހުއްދަނޫން ގޮތުގައި ހިފަހައްޓައި، ތޫނު ހަތިޔާރުން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައިވާ ކަމަށްކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.