Ads by Farudhun

ޚަބަރު

ނުރައްކާތެރިކޮށް އުޅަނދު ދުއްވި އިތުރު 4 މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތްތެރިވެއްޖެ

ނުރައްކާތެރިކޮށް އުޅަނދު ދުއްވި އިތުރު 4 މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތްތެރިވެއްޖެ

ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 އޮކްޓޯބަރު 2026، 08:24

14 އޮކްޓޯބަރު 2026، 08:24

މަގުމަތީގެ އަމާންކަން ގެއްލޭގޮތަށާއި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ރެކޯޑް އޮންނަ އިތުރު ހަތަރު މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތްތެރިވެ އިންޒާރުދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން، ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ފުލުހަށް ހާޒިރުކޮށް އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވުމާއެކު، އެ އަމަލުތައް ތަކުރާރުވެއްޖެނަމަ ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ގެންދަނީ ދެމުންނެވެ. އެގޮތުން، މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ މީހަކު ހާޒިރުކޮށް ނަސޭހަތްދީފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފުލުހަށް ހާޒިރުކޮށް ނަސޭހަތާއި އިންޒާރު ދީފައިވަނީ އިތުރު ހަތަރު މީހަކަށް ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 20 އަހަރުގެ ދެ މީހުންނާއި، 22 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. އެ އިދާރާއިން ވަނީ މި މީހުންގެ ރެކޯޑުތައް ވެސް ހާމަކުރައްވާފައެވެ.

އެގޮތުން ، 18  އަހަރުގެ މީހާއަކީ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް އުޅަނދު ދުއްވުމާއި، މަގުތަކުގައި ޒިގްޒެގްކޮށް މަގު ހުރަސްވާގޮތަށް ބާރު ސްޕީޑުގައި ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އަދި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި، އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމުގެ އިތުރުން، އުޅަނދަށް ދޫކޮށްފައިވާ ނަންބަރު ނޫން އެހެން ނަންބަރެއް ހަރުކޮށްގެން ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

20  އަހަރުގެ އެކަކީ ވަންވޭއާ ހިލާފަށް ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އަދި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި، ރަޖިސްޓްރީ ނުކޮށް އުޅަނދު ދުއްވުމާއި، އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުމާއި، ޓްރެފިކް ލައިޓް ރަތްވެފައި ވަނިކޮށް ގަވާއިދާ ހިލާފަށް ދުއްވުމުގެ އިތުރުން ސްޓިކާގެ އަދަދު ހަމަވެފައިވަނިކޮށް ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

20  އަހަރުގެ އަނެއް މީހާއަކީ، ގަޑިއަކު 106 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމާއި، އަހަރީ ހަމަވެފައިވަނިކޮށް ދުއްވުމާއި އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހަތަރު މައްސަލައާއި އެއްގޮތަކަށް ވެސް ލައިސަންސް ނެތި ދުއްވުމާއި ނުރައްކާތެރިކޮށް ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި 22 އަހަރުގެ މީހާއަކީ އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، އިންޝުއަރެންސް، ރޯޑްވާދިނަސް އަދި އަހަރީ ފީ މުއްދަތު ހަމަވެފައި ވަނިކޮށް ދުއްވުމާއި، ސައިކަލު ދުއްވަމުން މުވާސަލާތީ ވަސީލަތް ބޭނުންކުރުމާއި، ގަޑިއަކު 83 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި، ސައިލެންސަރު އަޅުވައިގެން ދުއްވުމާއި، މަނާ ތަންތަނުން ޔޫޓާން ނެގުމާއި، ރަޖިސްޓްރީ ކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ހުއްދަނެތި ދުއްވުމުގެ އިތުރުން، ސައިލެންސަރުން އަޑުގަދަކޮށް އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ބަދަލު ގެނެސްގެން (މޮޑިފައިކޮށްގެން) އެއްގަމު އުޅަނދު ދުއްވުމުގެ ރެކޯޑް އޮންނަ  މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ ފުލުހަށް ހާޒިރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށްގެންދާނެ ކަމަށާއި، މިފަދަ ކަންކަން ތަކުރާރުކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450