ޚަބަރު
ދެއްވަދޫ ފުޓުބޯޅަ ދަނޑުގައި ލައިޓް ޕޯސްޓްތައް ހަރުކުރަން ފަށައިފި
ދެއްވަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ގއ. ދެއްވަދޫ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ދަނޑުގައި ލައިޓް ޕޯސްޓްތައް ހަރުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން އެކްސްގައި ހިއްސާކުރި ޕޯސްޓުގައިވާ ގޮތުން، ދެއްވަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ދަނޑުގައި ލައިޓް ޕޯސްޓްތައް ހަރުކުރުމުގެ މަސައްކަތެވެ.
ސަރުކާރުން ކުރިއަށްގެންދާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 1.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ތެރޭގައި ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ކޮނުމުގެ މަސައްކަތްތަކުގެ އިތުރުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
Project Update: Establishment of Football Ground at Ga. Dhevvadhoo Light post installation works are in progress. Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/CKYKu9WPNL
— MTCC Plc (@MTCCPlc) October 13, 2026
ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ފެންވަރު ރަނގަޅު ވަސީލަތްތަކާއެކު ފުޓްބޯޅަ ދަނޑެއް ފޯރުކޮށްދީ، ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުޓްސަލް ދަނޑުތައް އެޅުމާއި، މިހާރު ޤާއިމުކޮށްފައިވާ ދަނޑުތަކުގެ ޓާފް މަރާމާތުކުރުމާއި އައު ކުރުމުގެ މަސައްކަތްތައް އެކި ކުންފުނިތަކާ ޙަވާލުކޮށްގެން ދަނީ ހިންގަމުންނެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެކުރިން ހުއްޓިފައި ހުރި ކުޅިވަރު މަޝްރޫޢުތައް އަލުން ފަށައި، ހަލުވި ދުވެއްޔެއްގައި ނިންމުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.