ޚަބަރު
ގއ. ވިލިނގިލީގައި ބިނާކުރާ ކީރިތި ޤުރްއާނާބެހޭ މަރުކަޒު މި މަހުގެ ނިޔަލަށް ނިންމަނީ
ގއ. ވިލިނގިލީގައި ބިނާކުރާ ކީރިތި ޤުރްއާނާބެހޭ މަރުކަޒު. ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
ގއ. ވިލިނގިލީގައި ސަރުކާރުން ބިނާކުރަމުންދާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް މި ހިނގާ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވިލިނގިލީގައި ޤާއިމުކުރާ މި މަރުކަޒުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ ފިނިޝިންގގެ މަސައްކަތްތައް ކަމަށެވެ. އަދި މި މަސައްކަތްތައް ނިމި، މި މަހުގެ ނިޔަލަށް މަރުކަޒު އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 15 ގޮތްޕެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މިދިޔަ ޖުލައި މަހު ހާމަކޮށްފައެވެ. އެކި ކުންފުނިތަކާ ހަވާލުކޮށްގެން ބާރު ދުވެލީގައި ކުރިއަށްގެންދާ މި މަޝްރޫޢުތަކަކީ އެކި ރަށްރަށުން އެދިގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.
ގއ. ވިލިނގިލީގައި ސަރުކާރުން ބިނާކުރާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި މަސައްކަތް 2026 އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމެނީ. މިހާރު ކުރަމުންދާ މަސައްކަތަކީ ފިނިޝިންގ ގެ މަސައްކަތް @MMuizzu @presidencymv @Mohamedshaheem1 https://t.co/89JFGdXoMF
— Ministry of Islamic Affairs & Endowments (@MVIaffairs) October 14, 2026
މީގެ އިތުރުން އަލަށް ތަރައްޤީކުރާ އިސްލާމީ މަރުކަޒުތަކުގައިވެސް ޤުރުއާނާ ބެހޭ މަރުކަޒުގެ ކްލާސްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މުޅި ރާއްޖެއަށް ޤުރުއާނުގެ ޢިލްމު ފުޅާކޮށް، ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމެވެ.
ސަރުކާރުން ޤުރުއާނުގެ ދާއިރާއަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމުގެ ގޮތުން، ޤައުމީ ޤުރުއާން މުބާރާތަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބާއްވާ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައްދޭ މުބާރާތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި ޙާފިޒުންނަށް ދޭ އެލަވަންސް ބޮޑުކޮށް، ހިފްޒު ކޮމިޓީތަކުގެ އަދަދު ވެސް ވަނީ އިތުރުކޮށްފައެވެ.