ޚަބަރު
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގައި އިތުރު 4 މީޑިއާއަކުން ބައިވެރިވެއްޖެ
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގައި ބައިވެރިވާ އިތުރު މީޑިއާތަކާއެކު ސޮއިކުރުން---
ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގައި ހިމެނިގެން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގައި ބައިވެރިވާ އިތުރު ހަތަރު މީޑިއާތަކާއެކު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.
މި މީޑިއާތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ފަންނާއި ސަގަފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އަލަށް ސޮއިކުރެވުނު މީޑިއާތައް:
- ސަބަބު އޮންލައިން
- ހަލި ނިއުސް
- މޯލްޑިވްސް ލެޖަރ
- ތުޅާދޫ ޓައިމްސް
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މީޑިއާ ޕާޓްނަރުންނަށް ވުމަށް ހުރިހާ މީޑިއާތަކަށް އަދިވެސް ފުރުސަތު އޮތްކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ. މި މަޝްރޫއުގައި ބައިވެރިވާ 34 މީޑިއާ، ޕާޓްނަރުންގެ ގޮތުގައި މިހާތަނަށް ސޮއި ކޮއްފައިވެއެވެ.
އިޙުތިރާމު އަދާކުރުމުގެ މި މަޝްރޫޢަކީ 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" އެވެ. މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ރިވެތި އަޚްލާޤީ ސިފަތައް އަށަގެންނެވުމުގެ މަޤްޞަދުގައި ސަރުކާރުން މި މަޝްރޫއު އިއުލާނުކުރެއްވީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.