ޚަބަރު
ކިނޮޅަހުގައި އަޅާ ޒަމާނީ ޕޮލިސް ޕޯސްޓްގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
ރ.ކިނޮޅަހުގެ ޕޮލިސް ޕޯސްޓްގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ރ. ކިނޮޅަހުގައި އަލަށް ޢިމާރާތްކުރަމުންދާ ޒަމާނީ ޕޮލިސް ޕޯސްޓުގެ ބޮޑުބައި މިހާރު ނިމި، މުޅި މަޝްރޫޢުގެ 62 އިންސައްތަ މަސައްކަތް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ އިމާރާތުގެ ސީލިންގ ހަރުކުރުމާއި، ކޮންކްރީޓް ސްކްރީޑް އެޅުމުގެ އިތުރުން ވަށާފާރުގެ ލިންޓެލް ބީމް އެޅުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން އެތެރޭގެ ޓައިލްސް ޖެހުމާއި ޕްލާސްޓަރު ކުރުމުގެ މަސައްކަތްތައްވެސް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށެވެ.

މި މަޝްރޫޢަކީ އަތޮޅުތަކުގައި ކުއްޔަށް ހިފާފައިވާ ޢިމާރާތްތަކުގައި ފުލުހުންގެ ޚިދުމަތް ދިނުން ނިމުމަކަށް ގެނެސް، ފުލުހުންގެ ޚިދުމަތް ލާމަރުކަޒީކޮށް ހަރުދަނާކުރުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ބައެކެވެ. މީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ޒަމާނީ ފެންވަރުގެ ޕޮލިސް ޕޯސްޓްތަކާއި ޕޮލިސް ސްޓޭޝަންތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކިނޮޅަހު ކައުންސިލުން ފާހަގަކުރާ ގޮތުގައި މި އައު ޕޮލިސް ޕޯސްޓް އިމާރާތާއެކު ރަށުގެ އަމާންކަން ދެމެހެއްޓުމަށާއި ކުށް މަދުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި މި އިމާރާތުގައި ފުލުހުންގެ އިދާރީ މަސައްކަތްތަކާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ޚާއްޞަ ޖާގަތަކުގެ އިތުރުން ފުލުހުންގެ އެކޮމޮޑޭޝަން ވަސީލަތްތައްވެސް އެކުލެވިގެންވެއެވެ.