ކުޅިވަރު

ރަސްދޫގައި ބާއްވާ އެންމެ ކުލަގަދަ ކުޅިވަރު ފެސްޓިވަލް "އަލިފްރަސް" މާދަމާ ފަށަނީ

ރަސްދޫގައި ބާއްވާ އެންމެ ކުލަގަދަ ކުޅިވަރު ފެސްޓިވަލް "އަލިފްރަސް" މާދަމާ ފަށަނީ

އަލިފްރަސް ސްޕޯޓްސް ފިއެސްޓާގެ ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރަސްދޫ ކައުންސިލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 އޮކްޓޯބަރު 2026، 11:45

14 އޮކްޓޯބަރު 2026، 11:45

އއ. ރަސްދޫގައި މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ ކުޅިވަރު ފެސްޓިވަލް ކަމަށްވާ "އަލިފްރަސް ސްޕޯޓްސް ފެސްޓިވަލް" މާދަމާ ފެށުމަށް ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.

ރަސްދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މި ފެސްޓިވަލަކީ ރަށުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ބޮޑު ހަރަކާތެކެވެ. މި ފެސްޓިވަލްގެ ތެރެއިން ފިރިހެނުންނަށް ހާއްސަކޮށްގެން ފުޓްސަލް މުބާރާތެއް އަދި އަންހެނުންނަށް ހާއްސަކޮށްގެން ހޭންޑްބޯލް މުބާރާތެއް ކުރިއަށްދާނެއެވެ. އެގޮތުން މިއަހަރުގެ ފުޓްސަލް މުބާރާތުގައި ޖުމްލަ 7 ޓީމު އަދި ހޭންޑްބޯލް މުބާރާތުގައި 4 ޓީމަކުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ފަރުދުން" މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރަސްދޫ ކައުންސިލްގެ ރައީސް އަހުމަދު ވަހީދު ވިދާޅުވީ، މީގެ ކުރީ އަހަރުތަކުގައި މި ދެ މުބާރާތް ކުރިއަށްގެންދިޔައީ ވަކިވަކިން ކަމަށެވެ. ނަމަވެސް މި އަހަރުން ފެށިގެން މި ހަރަކާތް ބަދަލުކޮށްލީ މުޅި ރަށަށް އަންނަ ކުޅިވަރުގެ ބޮޑު އީދެއްގެ ގޮތުގައި، ދެ މުބާރާތް އެއްކޮށް "އަލިފްރަސް" ގެ ނަމުގައި ކުރިއަށްގެންދިއުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުޅިވަރުގެ އީދަކަށް ރަސްދޫއިން ތައްޔާރުވާއިރު މި މުބާރާތްތަކުގެ އިނާމުތައް ވެސް ވަނީ ވަރަށް ފުރިހަމަކޮށްފައެވެ. އެގޮތުން ކޮންމެ މުބާރާތެއްގެ ވެސް ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ރަނަރަޕް ޓީމުތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 12،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ފެސްޓިވަލް ފެށުމުގެ ގޮތުން މާދަމާ ރޭ ވަރަށް ކުލަގަދަ އަދި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި މި ރަސްމިއްޔާތުގައި ރާއްޖޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޓޯއީގެ ހާއްސަ ލައިވް ޕަރފޯމަންސެއް ފެނިގެންދާނެއެވެ. މީގެއިތުރުން، މި ހަރަކާތުގެ ތެރެއިން "އަލިފްރަސް ފެސްޓިވަލް" ގެ ރަސްމީ ލަވަ ވެސް އާންމުކޮށް އިފްތިތާހު ކުރެވިގެންދާނެއެވެ.

މުބާރާތް ކުޅުމަށް ތައްޔާރުކުރި ފުޓްސަލް ދަނޑު / ފޮޓޯ: ރަސްދޫ ކައުންސިލް

މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މުބާރާތަށް ހާއްސަކޮށްގެން އަލުން މަރާމާތުކޮށް ތަރައްޤީކުރި ދަނޑުގައެވެ. ދަނޑު އަލުން ތަރައްޤީ ކުރަން ޖެހުނީ ކުރިން ބޭނުންކުރަމުން އައި ދަނޑު ބޮޑަށް ހަލާކުވެފައި އޮތުމުންނެވެ. މި މަސައްކަތުގެ ތެރެއިން ދަނޑަށް ބޭނުންވާ ޓާފް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދިންއިރު، އެ ކާޕެޓު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލްގެ ބަޖެޓުންނެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މި މަސައްކަތަށް ކައުންސިލުން ގާތްގަނޑަކަށް 150،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ރަސްދޫ ކައުންސިލުން އުންމީދު ކުރަނީ މި ފެސްޓިވަލް ވެގެންދާނީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުޅިވަރުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކާމިޔާބު ހަރަކާތެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450