ޚަބަރު
ހަކަތައިގެ އަގުތައް އުފުލުމާއި ގުޅިގެން އެކަމުން އަރައިގަތުމަށް ރާއްޖެއިން ބޭރުގެ އެހީއަށް އެދިއްޖެ
މާލީ ވަޒީރު ހަސަން ޒަރީރު---
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން އިގްތިސާދަށް ބުރަބޮޑުވަމުންދާތީ، ރާއްޖޭގެ ރިޒާވް ވަރުގަދަކުރުމަށާއި އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވޯލްޑް ބޭންކާއި އެހެނިހެން ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަމަށް އެދޭ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މި ހަފުތާގައި ބެންކޮކްގައި ބާއްވާ އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުންތަކުގެ ކުރިން ބޭރުގެ މަޝްހޫރު ނޫސް މަޖައްލާ ރޮއިޓަރސްއަށް ދެއްވި އޮންލައިން އިންޓަވިއުއެއްގައެވެ.
ރާއްޖެއަކީ ބޭނުންވާ ހުރިހާ ތެލެއް ބޭރުން އެތެރެކުރާ ގައުމަކަށް ވުމާއެކު، މެދުއިރުމަތީގެ ހަމަނުޖެހުންތައް ބޮޑުވެ ތެލުގެ އަގުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ސަރުކާރުން ހަކަތައިގެ ސަބްސިޑީއަށް ކުރާ ހޭދަ މި އަހަރު ތިންގުނައަށް އިތުރުކުރަން މަޖުބޫރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ހަރަދުތައް ބޮޑުވުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓް ޑެފިސިޓް ކުރިން އަމާޒުކުރި 7.1 އިންސައްތައިގެ ބަދަލުގައި 9 އިންސައްތައަށް އަރާފާނެ ކަމަށް މިހާރު ވަނީ ލަފާކުރެވިފައެވެ.
ޒަރީރު ވިދާޅުވީ، ސަރުކާރުން އޮތީ ހަރަދުތައް އިސްލާހުކޮށް މާލީ ހަމަޖެހުން ގާއިމުކުރުމަށް އަޒުމް ކަނޑައަޅައިގެން ކަމަށާއި، ނަމަވެސް އިގްތިސާދު ވަރުގަދަކުރުމަށް އަދިވެސް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ހަކަތައިގެ އަގު އުފުލުމުގެ އިތުރުން ފަތުރުވެރިން އައި އަދަދު މަދުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަނީ ދެގުނަ ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. އަދި 2026 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ އެންމެ 1 އިންސައްތައިގައެވެ. ކުރިއަށް އޮތް މަދު އަހަރުތަކުގައި އަހަރަކު 300 އިން 400 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ދަރަނި އަދާކުރުމަށް ރާއްޖެއިން ފައިސާ ދައްކަންޖެހޭއިރު، އެ ފައިސާ މައިގަނޑު ގޮތެއްގައި ހަމަޖައްސާނީ ދައުލަތުގެ އާމްދަނީންނެވެ. މީގެ އިތުރުން، އަވަށްޓެރި ގައުމަކާއެކު ހަދާފައިވާ، އަންނަ އަހަރާ ހަމައަށް މުއްދަތު އޮތް 30 ބިލިއަން އިންޑިއަން ރުޕީސްގެ ސްވަޕް ފެސިލިޓީ މި މަހު އާކުރެވޭނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރިޒާވްގައި ރައްކާތެރިކަމުގެ ބަފިަރއެއް ގާއިމުކުރުމަށް ވަކި ފެސިލިޓީތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އަމާޒަކީ އަންނަ އަހަރު 3.8 އިންސައްތައިގެ އަދި 2028 ވަނަ އަހަރު 6.8 އިންސައްތައިގެ އިގްތިސާދީ ކުރިއެރުމެއް ހޯދުމެވެ. މިގޮތުން އިގްތިސާދު ސިންދަފާތު ކުރުމަށާއި، 2028 ވަނަ އަހަރާ ހަމައަށް އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތައް 33 އިންސައްތައަށް ފުޅާކުރުމަށް ވަނީ ރޭވިފައެވެ. މި އަމާޒުތަކަށް ވާސިލުވުމަށް ޓަކައި ދެ އަހަރާއި ތިން އަހަރުގެ މުއްދަތަކަށް ވޯލްޑް ބޭންކުން 250 މިލިއަން ޑޮލަރު ފޯރުކޮށްދޭނެ ކަމަށާއި، އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނާއެކު ފަސް އަހަރު ދުވަހުގެ 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ވޭތުވެދިޔަ މަހު ވަނީ ސޮއިކޮށްފައެވެ.
އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި، ގައުމީ އެއާލައިނަށް އިތުރު ބޯޓުތައް ކުއްޔަށް ނެގުމަށާއި، މިހާރު ރާއްޖޭގެ އަށްވަނައަށް އެންމެ ބޮޑު މާކެޓަކަށް ވެފައިވާ އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ރާއްޖެއިން ރާވަމުންދާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. އަދި ދަތުރުތައް އިތުރުކުރުމަށް އެހެން ހަތް އެއާލައިނަކާއެކު ވެސް މަޝްވަރާތައް ދަނީ ކުރިއަށެވެ.