ޚަބަރު
ވިއްކާ މުދަލުގައި އަގު ނުޖަހާނަމަ ފިޔަވަޅުއަޅަނީ
މާލޭގެ ފިހާރައެއްގައި ވިއްކަން ހުރި މުދާތަކެއް. ފޮޓޯ: ލޮނުމެދު
ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ނުޖަހާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ވުޒާރާއިން މިގޮތަށް ހާމަކޮށްފައިވަނީ، ފިހާރަތަކުގައި މުދާ ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ ލިބެމުންދާތީއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެއް ކަމަށެވެ. އަދި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑުތައްވެސް އެ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ.
އެ މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ:
- މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން
- އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން ސާފުކޮށް އެނގެން ހުރުން
އެހެންކަމުން، މުދާ ވިއްކާ އެންމެހައި ފަރާތްތަކުން ވިއްކަން ބަހައްޓާފައިވާ މުދަލުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން ޢަމަލުކުރޭތޯ ބެލުމަށްޓަކައި، އެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓަރކުރަމުންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ޤާނޫނާ ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އިޤްތިޞާދީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.