ޚަބަރު
ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަކީ ޤާނޫނުއަސާސީން ދިވެހި ދައުލަތާ މަތިކޮށްފައިވާ ޒިންމާއެއް: ސަރުކާރު
ރައީށް އޮފީސް - ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހިމެނޭހެން، ރާއްޖޭގެ ސަރައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހި ދައުލަތާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އިންޑިއާ ބޭނުންވާ ކަމަށާއި، އިންޑިއާއާ ނުލައި ރާއްޖެއަށް ނޫޅެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއަކާއި ގުޅިގެން ނެރުނު ރަސްމީ ބަޔާނެއްގައެވެ.
ރައީސް އޮފީހުން ނެރުނު މި ބަޔާނުގައި ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ޤައުމުގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ އަދި ދިވެހި ރައްޔިތުންގެ ފުރިހަމަ ޙައްޤެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަކީ ދިވެހި ދައުލަތަށް ޤާނޫނުއަސާސީން ލާޒިމުކުރާ ކަމަކަށް ވާއިރު، ތާރީޚު ހެކިދޭ ފަދައިން އެކަން ދިވެހިން ކުރަމުން އައީ އަދި މިއަދުވެސް ކުރަމުން ގެންދަނީ ނުހަނު ފަޚުރުވެރިކަމާއެކު ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ދުނިޔޭގެ ޖިއޮގްރަފީގައި ރާއްޖެ އޮތް އިސްތިރާޖީ ސަރަޙައްދުގެ މުހިންމުކަން ފާހަގަކުރައްވައި ބަޔާނުގައި ވިދާޅުވީ، ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އެހެނިހެން މުހިންމު މުދާ އުފުލާ ކަނޑުއޮޅިތައް އޮމާންކަމާއެކު ބެލެހެއްޓުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހަމަޖެހުމަށް ރާއްޖެއިން ކޮށްދޭ އަގުހުރި ޚިދުމަތެއް ކަމަށެވެ. ނަމަވެސް، މި ސަރަޙައްދުތައް ބެލެހެއްޓުން އެއްވެސް ބޭރުގެ ފަރާތަކާ ޙަވާލުނުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އަސާސީ އެއް ސިޔާސަތު ކަމަށް ސަރުކާރުން ވަނީ ބަޔާންކޮށްފައެވެ.
އަދި ރާއްޖޭގެ އެއްވެސް ސަރަޙައްދެއް އަސްކަރީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނާނެ ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ވީމާ، އެއްވެސް ޙާލެއްގައި ބޭރުގެ އަސްކަރިއްޔާއަކަށް ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ބާރު ނުދޭނެ ކަމުގެ ޔަޤީންކަން އަރުވަމުން، މިފަދަ ކަންކަމުގައި ބޭރުގެ ނުފޫޒުތަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް ދަޢުވަތު ނުދިނުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.