ޚަބަރު
ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން ފަށާތީ، މައުލޫމާތު އަދާހަމަކުރުމަށް އެދިއްޖެ
ފުލުހުންގެ މަސައްކަތުގައި އިލެކްޓްރޯނިކް އާލާތެއް ބޭނުންކުރަނީ / ފައިލް ފޮޓޯ: ޕޮލިސް
އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރަން ފަށާތީ، އުޅަނދުތަކުގެ ވެރިފަރާތްތަކުން މިހާރު ބޭނުންކުރަމުންދާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް 'ސިމްސް' (SIMS) ޕޯޓަލްގައި އަދާހަމަކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އަންގައިފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޤަވާޢިދާ ޚިލާފުވާ ފަރާތްތައް ހޯދުމަށް ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް ބޭނުންކުރަން ވަނީ ނިންމާފައެވެ. އަދި މިއަދުން ފެށިގެން 7 ދުވަހުގެ ފަހުން، ތަންފީޒީ އިދާރާގެ މި ޒިންމާތައް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އަދާކުރަން ފަށާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން މި މަސައްކަތް ކުރިއަށް ގެންދިއުމުގައި، ޤަވާޢިދާ ޚިލާފުވެގެން ފިޔަވަޅު އެޅޭ ފަރާތްތަކަށް އެ މަޢުލޫމާތު އެސްއެމްއެސް (SMS) އަދި އީމެއިލް މެދުވެރިކޮށް ޙިއްޞާކުރަމުންދާނެ ކަމަށެވެ. އެހެންކަމުން، ޕޯޓަލްގައި މަޢުލޫމާތު އަދާހަމަކޮށްފައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ. މީގެއިތުރުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މާލެ އަދި ހުޅުމާލޭގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އެޅުމުގައި، ފުރަތަމަ މަރުޙަލާގައި ޚާއްޞަ އިސްކަމެއް ދީގެން ބަލާނެ ސަރަޙައްދުތަކާއި މަގުތައް މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހޮސްޕިޓަލުތަކާއި، ސްކޫލުތައް ހުންނަ ސަރަޙައްދުތަކާއި، ކަފިހި ހުރަސްތަކުގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތަކަށް ޚާއްޞަކޮށްފައިވާ ސްލޮޓުތައް ހިމެނެއެވެ.
މީގެއިތުރުން، މާލޭގެ މައި މަގުތަކުގެ ތެރެއިން މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު (ރިންގ ރޯޑް) ގައި ޤަވާޢިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އަޅާނެއެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، އަދި ރީތިގަސް މަގުގެ އިތުރުން ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގުގައި ވެސް މި ނިޒާމު ފުރިހަމައަށް ތަންފީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ.